ވިޔަފާރި

އެއް ދުވަހެއްގެ ތެރޭގައި، އެންމެ ގިނަ ފަތުރުވެރިން އައީ މިޑިސެމްބަރުމަހު


ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އަނެއްކާވެސް ރެކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ބޯޑަރު ހުޅުވާލި ފަހުން އެއް ދުވަހެއްގެ ތެރޭގައި، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެގޮތުން 18 ވަނަ ދުވަހު 6،955 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ޓޫރިސްޓު ބެޑްނައިޓްސްވަނީ 10.7 މިލިއަން ހުރަސްކޮށްފައެވެ. މިއީ ރެކޯޑު އަދަދެކެވެ. އަދި މިއާއިއެކު، ސަރުކާރުން މިއަހަރަށް ކަނޑައެޅި 10 މިލިއަން ބެޑް ނައިޓްސްގެ އަމާޒު މިވަނީ ހާސިލުވެފައެވެ. ސަރުކާރުން މިހާރު ލަފާ ކުރަނީ އަހަރު ނިމިގެން ދާއިރު 11 މިލިއަން ބެޑްނައިސްޓް ހުރަސް ކުރާނެ ކަމަށެވެ.

އަދި ހަމަ މިއާއެކު ޑިސެމްބަރު މަހުގެ ކޮންމެ ދުވަހަކު ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރާ މިންވަރު މިހާރުވެސް ހުރީ 5000 އިން މަތީގައެވެ. ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށްވަނީ 278،740 ފަތުރުވެރިން އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 211،367 ފަތުރުވެރިން ވަނީ އައިސްފައެވެ.

2020 ވަނަ އަހަރާއި އަޅާ ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަން މިއަހަރު ވަނީ ވަރަށް ބޮޑުތަނުން ކުރި އަރާފައެވެ. އެގޮތުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ރާއްޖެއަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑްވެސް ލިބިފައެވެ.