ޚަބަރު

ފިލިޕީންސަށް އެރި ބާރުގަދަ ތޫފާނުގައި 75 މީހުން މަރުވެއްޖެ


ފިލިޕީންސަށް އެރި ބާރުގަދަ ތޫފާނުގައި 75އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ފިލިޕީންސަށް އެރި ތޫފާނުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އެ ޤައުމުގެ މެދުތެރޭގައި އޮންނަ ޕުރޮވިންސެއްކަމަށްވާ ބޮހޮލަށެވެ. ތޫފާނުގެ ސަބަބުން އެ ޕުރޮވިންސުން 49 މީހުން މަރުވިއެވެ. އަދި އެ ޕުރޮވިންސްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ކަރަންޓު ކެނޑި ދަނޑުބިންތައްވަނީ ހަލާކުވެފައެވެ.

ފިލިޕީންސުގެ ސަރުކާރުން ބުނެފައިވަނީ ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްޞީލުތައް ދެނެގަންނަމުންދާކަމަށާއި ގެއްލުންތަކަށް ބަދަލުދޭނެކަމަށެވެ. އަދި ގިނަ ބަޔަކު މަރުވީ ގަސްތައް ވެއްޓި އިމާރާތްތައް ދަށުވެގެންކަމަށާއި އެ ޤައުމުގެ ގިނަ ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވާކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

ތޫފާނު ރާއީ ފިލިޕީންސަށް އަރާފައިވަނީ ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އެއީ މި އަހަރުގެ ތެރޭގައި ފިލިޕީންސަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަދި ގެއްލުން ބޮޑު ތޫފާނެވެ. އެ ގޮތުން ގިނަ ޢަދަދެއްގެ އިމާރާތްތަކަށް ގެއްލުންވެ 400،000އަށްވުރެ ގިނަ މީހުންވަނީ ޙާލުގައި ޖެހިފައެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ފިލިޕީންސަށް އަހަރަކު ގާތްގަނޑަކަށް 20 ތޫފާނު އަރައެވެ.