ކުޅިވަރު

ޖެހިޖެހިގެން ތިން މެޗުން ބަލިވުމަށްފަހު ބާރސާއަށް މޮޅެއް


ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާ އާއި އެލްޗޭ ބައްދަލުކުރިމެޗް ބާރސާ ކާމިޔާބުކޮށްފިއެވެ. ބާރސާގެ ނޫ ކޭމްޕްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހާދިނީ ބާރސާގެ ފެރާން ޖުޓްގުލާއެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓްފަހުން ބާރސާގެ ގާވީ ޖަހާދިން ލަނޑާއެކު އެޓީމްގެ ލިޑު ފުޅާކުރިއެވެ. މިމެޗްގައި އެލްޗޭއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ ޓެޓޭ މޮރެންޓޭއެވެ. އަދި މިލަނޑު ޖެހިތާ އެއް މިނެޓްފަހުން ޕެރޭ މިލާ ޖަހާދިން ލަނޑާއެކު އެލްޗޭއިން މެޗްގެ ނަތީޖާ ހަމަހަމަކޮށް ބާރސާ ސިއްސުވާލިއެވެ. ނަމަވެސް ބާރސާއިން ހިތްވަރު އެލުވާނުލަ ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 85 ވަނަ މިނެޓްގައި ނީކޯ ގޮންޒާލޭސް ޖަހާދިން ލަނޑުންނެވެ.

މިކާމިޔާބީއާއެކު ބާރސާއަށް މިހާރުވަނީ ކުޅުނު 17 މެޗުން 27 ޕޮއިންޓް ލިބި ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއީ ޖެހިޖެހިގެން ތިން މެޗުން ބަލިވުމަށްފަހު ބާރސާ މޮޅުވި ފުރަތަމަ މެޗެވެ. މިމެޗުން ބަލިވުމުން އެލްޗޭ އުޅެނީ ކުޅުނު 18 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.