ޚަބަރު

މެލޭޝިޔާގައި ފެންބޮޑުވެ އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިއްޖެ


މެލޭޝިޔާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިއްޖެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން މެލޭޝިޔާގެ ބޮޑުވަޒީރު އިސްމާޢީލު ޞަބުރީ ޔަޢުޤޫބު ވިދާޅުވީ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން 11،000 މީހުންގެ ގެދޮރު ގެއްލިފައިވާކަމަށާއި މަގުތައް ބަންދުވެ ކަނޑުމަގުން ކުރައި މުދަލުގެ ވިޔަފާރިއަށް ބުރޫއަރާފައިވާކަމަށެވެ. އަދި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ޙާލުގައި ޖެހިފައިވާ އެތައް ހާސް މީހުންނަށް އެހީތެރިވުމަށް ސަލާމަތީ ބާރުތަކާއި ކުއްލި ޙާލަތްތަކުގައި ޙަރަކާތްތެރިވާ 66،000 މީހުން ޙަރަކާތްތެރިވަމުންދާކަމަށެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުން މާރިޗު މަހަށް މެލޭޝިޔާއަށް ވަރަށް ބޮޑަށް ވިއްސާރަކުރެއެވެ. ނަމަވެސް ހަފުތާ ބަންދުގައި އެ ޤައުމަށް ހުއްޓުމެއް ނެތި ވާރޭ ވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އެ ގޮތުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވަނީ އެ ޤައުމުގެ އެންމެ މުއްސަނދި އަދި އާބާދީ ބޮޑު ސެލެންގޯއަށެވެ.

މެލޭޝިޔާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށް ވާރޭވެހޭނެކަމަށް ބެލެވޭކަމަށެވެ. އަދި އެ ޤައުމުގެ 16 ސުޓޭޓުގެ ތެރެއިން 8 ސުޓޭޓުގައި ފެންބޮޑުވެފައިވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.