ކުޅިވަރު

އިޓާލިއަން ސެރީއާ ތާވަލްގެ ފަސްވަނައަށް ރޯމާ ޖެހިލައިފި


އިޓާލިއަން ސެރީއާގައި އޭއެސް ރޯމާ އާއި އެޓަލާންޓާ ބައްދަލުކުރިމެޗް ރޯމާއިން ކާމިޔާބުކޮށްފިއެވެ. އެޓަލާންޓާގެ ގެވިސް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ރޯމާއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ މިނެޓްގައި ޖަހާ ލީޑު ނެގީ ރޯމާއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޓެމީ އަބްރަހަމެވެ. އަދި މިމެޗްގައި ރޯމާގެ ދެވަނަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހައިދިނީ ނިކޮލޯ ޒަނިއޯލޯއެވެ. މިމެޗްގައި އެޓަލާންޓާއިން ޖެހި ހަމައެކަނި ލަނޑަކީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ރޯމާގެ ބްރަޔަން ކްރިސްޓަންޓޭ އަތުން ބައިކޮޅެއް ވަން ލަނޑެކެވެ. މިމެޗްގައި ރޯމާގެ ތިންވަނަ ލަނޑު މެޗްގެ 72 މިނެޓްގައި ޖަހައިދިނީ ކްރިސް ސްމޯލިންގއެވެ. އަދި ފަހު ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އަބްރަހަމެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބު ކުރި 12 ވަނަ ލަނޑެވެ.

މިކާމިޔާބީ އާއެކު ރޯމާއަށް މިހާރުވަނީ ކުޅުނު 18 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެޓަލާންޓާ އުޅެނީ 37 ޕޮއިންޓާއެކު ތަވަލްގެ ތިންވަނައިގައެވެ.