ކުޅިވަރު

ލީޑްސް ބަލިކޮށް އާސެނަލް ގަދަ ހަތަރަކަށް


އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް އާސެނަލް ކަމިޔާބުކޮށްފިއެވެ. މި މެޗަކީ ކޯވިޑް-19 އާގުޅިގެން ގިނަ މެޗްތަކެއް ފަސް ކުރެވުމާއި ގުޅިގެން ރޭ ކުޅުނު ހަމައެކަނި މެޗެވެ. ލީޑްސްގެ އެލަންޑް ރޯޑްގައި ކުޅުނު މިމެޗް އާސެނަލްއިން ކާމިޔާބުކުރީ 4 ލަނޑު އެއްލަނޑުންނެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ލީޑްސްއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ އާސެނަލްއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ގެބްރިއެލް މާޓިނެއްލީއެވެ. އަދި މެޗްގެ 28 ވަނަ މިނެޓްގައި މާޓިނެއްލީ ވަނީ ދެވަނަ ލަނޑެއް ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި އާސެނަލްއިން ޖެހި ތިންވަނަ ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ޖަހައިދިނީ ބުކާޔޯ ސާކާއެވެ. މިމެޗްގައި ލީޑްސްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރަފީނިއާއެވެ. އަދި އާސެނަލްގެ ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހައިދިނީ އެމީލް ސްމިތު ރޯއިއެވެ.

މިކާމިޔާބީއާއެކު އާސެނަލްއަށް މިހާރުވަނީ 18 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގާ ފައިހަރުކޮށްލާފައެވެ. އަދި މިމެޗުން ލީޑްސް ބަލިވުމާއެކު މިހާރު އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.