ޚަބަރު

ނަބީލް މެރުމަށް ކޮށްފައިވާ ހުކުމް ދައުލަތުން އިސްތިއުނާފު ކޮށްފި


ދެހާސް އަށް ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ސ.ހުޅުދޫ ލިލީމާގޭ ޢަބްދުﷲ ފަރުހާދު މަރާލުމުގެ ކުށުގައި ގ.ރީފް މުޙައްމަދު ނަބީލް މެރުމަށް ކޮށްފައިވާ ހުކުމް ދައުލަތުން މިއަދު އިސްތިއުނާފް ކޮށްފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން މިމައްސަލަ އިސްތިއުނާފް ކުރީ، މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނަބީލަށް ލިބުނު 30 ދުވަހުގެ މުއްދަތު ހަމަވިއިރު އެމައްސަލަ އިސްތިއުނާފް ކޮށްފައި ނުވާތީއެވެ. ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުގައި ވަނީ  މަރުގެ ހުކުމްތައް އިސްތިއުނާފް ކުރަން 30 ދުވަހުގެ ތެރޭގައި ކުށްވެރިޔާގެ ފަރާތުން ހުށަނާޅައިފި ނަމަ، އެ ހުކުމެއްގެ ސައްހަކަން ކަށަވަރުކުރަން ޕީޖީން ހުށަހަޅަންޖެހޭނެކަމަށެވެ. ޕީޖީ އޮފީހުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށްހެޅިނަމަވެސް މިކަމާމެދު އެކޯޓުން އަދި ވަކި އެއްޗެއް ހާމަކުރައްވާފައި ނުވެއެވެ. ޖިނާއީ ކޯޓުން ނަބީލަށް އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ތޫނު އެއްޗަކުން ޙަމަލާދީ ފަރުހާދު މަރާލާފައި ވަނީ، 2009 ވަނަ އަހަރުގެ މާޗް މަހުގެ އަށްވަނަ ދުވަހުގެ ރެއެވެ.