ކުޅިވަރު

ފުރަތަމަ ފަހަރަށް ގްރޯން ޕްރީގެ އެއްވަނަ ސާއިދާއި ޖާއިޝާއަށް


ގައުމީ ގްރޯން ޕްރީ މުބާރާތުގައި ގައުމީ ދެ ރެކޯޑް މުގުރާލި އާމިނަތު ޖާއިޝާ ޖުނީޒް، އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނުއިރު، ފިރިހެން ބައިން އެންމެ މޮޅު އެތުލީޓުގެ މަގާމު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ލިބިއްޖެއެވެ.

ޖާއިޝާ ވަނީ މި ފަހަރުގެ މުބާރާތުން ތިން ރަން މެޑަލް ހޯދައިފައެވެ. އެއީ 1500 މީޓަރާއި 800 މީޓަރު އަދި 3000 މީޓަރުގެ ދުވުމުންނެވެ. މި ފަހަރު 1500 މީޓަރު ރޭހުގައި ޖާއިޝާއާ ވާދަކޮށް ދެ ވަނަ އަށް ދިޔައީ ފަސް މިނިޓް 17.52 ސިކުންތުން ރޭސް ނިންމި މަރިޔަމް ޢަބްދުލް ކަރީމް (މަރީ) އެވެ. މި ރޭހުގެ ތިން ވަނަ އަށް ދިޔައީ ފަސް މިނިޓް 37.13 ސިކުންތުން ރޭސް ނިންމި އައިޝަތު ރާނިޔާއެވެ. ތިން ހާސް މީޓަރުގެ ރޭހުގައި ޖާއިޝާ ފަހަތުން ދެ ވަނަ ހޯދީ 11 މިނިޓް 26.55 ސިކުންތުން ރޭސް ނިންމި މަރީއެވެ. ތިން ވަނަ ހޯދި ރާނިޔާ ރޭސް ނިންމީ 12 މިނިޓް 29.57 ސިކުންތުންނެވެ. ސާއިދު ފުރަތަމަ ފަހަރަށް ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓުގެ މަގާމު ހޯދީ ތިން އިވެންޓުން ރަން މެޑަލް ހޯދައިގެންނެވެ.

ފުރަތަމަ ކުރިއަށްދިޔަ ފިރިހެނުންގެ 100 މިޓަރު ދުވުމުގެ އެއް ވަނަ ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ރޭސް ނިންމީ 10.76 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ އިބާދުﷲ އާދަމް ރޭސް ނިންމީ 11.00 ސިކުންނެވެ. މި ރޭހުން ތިން ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް ސްޕޯޓްސް އިން ވާދަކޮށް 11.37 ސިކުންތުން ރޭސް ނިންމި މުޙައްމަދު މިންހާލެވެ. ފިރިހެނުންގެ 400 މީޓަރުގެ ރޭސް ވެސް ކާމިޔާބުކުރީ ސާއިދެވެ. ސާއިދު މި ރޭސް 49.39 ސިކުންތުން ނިންމިއިރު، އޭނާއާ ވާދަކުރި ސިފައިންގެ ޢަބްދުﷲ ރަޝީދު ރޭސް ނިންމީ 50.78 ސިކުންތުންނެވެ. ތިން ވަނަ އަށް ދިޔައީ ސާއިދު ސްޕޯޓްސްއިން ވާދަކުރި އަޙުމަދު ވިސާމެވެ. އޭނާ ރޭސް ނިންމީ 50.93 ސިކުންތުންނެވެ. އިއްޔެ ބޭއްވި ފިރިހެނުންގެ 800 މީޓަރުގެ ރޭސް ކާމިޔާބުކުރީ ސާއިދު ސްޕޯޓްސްގެ އަހުމަދު ވިސާމެވެ.

ސިފައިންގެ ކްލަބްގެ ހުސެއިން ރިޒާ (ކުޑަ ރިޒާ) ފަހަތަށް ޖައްސާލައި ވިސާމް ރޭސް ނިންމީ 2 މިނިޓް 00.89 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ކުޑަ ރިޒާގެ ޓައިމިން އަކީ ދެ މިނިޓް 02. 27 ސިކުންތެވެ. ފަަނަރަ ސަތޭކަ މީޓަރު އިވެންޓްގައި ދިވެހި ސިފައިންގެ ކްލަބްގެ ހުސެއިން ރިޒާ (ކުޑަ ރިޒާ) ވަނީ ތަފާތު ދައްކައިފަ އެވެ. އޭނާ އަށް ހަތަރު ސަތޭކަ މީޓަރު ރޭހުގައި ލިބުނީ ހަތަރު ވަނަ އެވެ. އެކަމަކު، 1500 މީޓަރުގެ ރޭސް ހަތަރު މިނިޓް 21.88 ސިކުންތުން ނިންމައި، ރަން މެޑަލް ހޯދިއެވެ.

މި އިވެންޓުން ދެ ވަަނަ އަށް ދިޔައީ މެރަތަން ރަނާސް މޯލްޑިވްސްގެ ޔޫސުފް އިބްރާހިމެވެ. އަދި ތިން ވަނަ އަށް ދިޔައީ ހަމަ އެ ޓީމުގެ މުހައްމަދު އިރުފާން އެވެ. ޔޫސުފް ރޭސް ނިންމީ ހަތަރު މިނިޓް 23.88 ސިކުންތުންނެވެ. އަދި އިރުފާން ރޭސް ނިންމީ ހަތަރު މިނިޓް 28.24 ސިކުންތުންނެވެ. މިއީ ޖައިޝާއާއި ސާއިދު މި ދެ އެތުލީޓުންނަށް ވެސް ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓުގެ މަގާމު ހޯދި ފުރަތަމަ ފަހަރެވެ.

ޖާއިޝާ އާއި ސާއިދު ވަނީ ގްރޯން ޕްރީގެ ޕޮއިންޓް ރޭންކިން ސިސްޓަމަށް ބަލާއިރު، އެންމެ ކުރިހޯދައިފައެވެ.