ކުޅިވަރު

މަސައްކަތް ކުރާނީ ތަށި ހޯދަން: އާފިއު


ޕްރެޒިޑެންޓް ކަޕަށް ވެލެންސިޔާ ނުކުންނާނީ ތަށި ހޯދުމުގެ އަމާޒާއެކު ކަމަށް އެޓީމުގެ އެސިސްޓެންޓް ކޯޗު އާފިއު މުޙައްމަދު ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާފިއު ބުނީ ފެބްރުއަރީ މަހު ދިރާގު ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން ޕްރެޒިޑެންޓްސް ކަޕް ބޭއްވުމަކީ ހުރިހާ ޓީމަކަށް ލިބޭ ރަނގަޅެއް ކަމަށެވެ. ރަނގަޅު ކަމެއްގެ ގޮތުގައި ބުނާ ސަބަބަކީ ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕްގެ ތަށި ބޭނުންނުވާ ވާހަކަ ނޫން ކަމަށާއި މަސައްކަތް ކުރާނީ ތަށި ހޯދޭ ވަރަށް މެޗަކަށް ފަހު މެޗެއް ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް އާފިއު ވަނީ ބުންޏެވެ. ސީޒަން ފެށުމުގެ ކުރިން ވެލެންސިއާގެ ކޯޗުކަން މިދިޔަ ސީޒަނުގައި ކުރި މުހައްމަދު އާތިފް (އާތީ) ވަނީ އެ ޓީމު ދޫކޮށްލައިފައެވެ.

އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވެލެންސިއާ އިން ކުރާއިރު، އެ ޓީމުގެ ވިސްނުން މި ވަގުތު ހުރީ ބިދޭސީ ކޯޗެއް ގެނައުމަށް ކަމަށް އާފިއު ބުންޏެވެ. ހޮނިހިރު ދުވަހުގެރޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަތުން 5-0 އިން ބަލިވެފައެވެ. އެ މެޗުގައި އެހާ ބޮޑު ފަރަގަކުން ވެލެންސިއާ ބަލިވީ ވެސް ޕްރެކްޓިސް ރަނގަޅަށް ނުކުރެވިގެންކަން އާފިއު ވަނީ ފާހަގަކޮށްފައެވެ. އާފިއު ބުނީ އެހެން ޓީމުތަކުން މޮޅެތި ކުޅުންތެރިން ލައިގެން ވެސް ޖެހެނީ ކޮންމެ އަހަރަކު ޓީމެއް ހަދަން ކަމަށާއި މާޒިޔާއިން މިހާރު އެ އޮތީ އެއް ޓީމެއް ދެތިން އަހަރަށް ދަމަހައްޓާފައި ކަމަށެވެ. އަދި އޭގެ ފައިދާ މާޒިޔާގެ ޓީމުން ފެންނާނެ ކަމަށް އާފިއު ބުންޏެވެ.

"ލީގަށް ދިއުމުގެ ކުރިން މި މެޗުތައް ލިބުން މުހިންމޭ މި ބުނަނީ. މިހާރު ޕްރީ ސީޒަން މެޗު ނުލިބުމާއެކު މި މެޗުތަކުގެ ބޭނުން ހިފޭނެ ޓީމު ރަނގަޅު ޓްރެކަށް ގެންނަން. އެހެން ގޮސް ލީގަށް ދާއިރު ފޯމަކަށް އެޅިފައި އިންނާނީ. އޭގެ މާނަ އަކީ ޕްރެޒިޑެންޓްސް ކަޕްގެ ތަށްޓާ ހަމައަށް ވާސިލްވާން ބޭނުންނުވާ ވާހަކައެއް ނޫން. ތަށްޓާ ހަމައަށް ވާސިލްވާން ބޭނުންވާނެ،" އާފިއު ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ އެންމެ ފަހުން ކުޅުނީ 2015 ވަނަ އަހަރުއެވެ. އެންމެ ފަހުން 2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ބޭއްވިއިރު، ޗެމްޕިއަން ޓީމަކީ ނިއުރޭޑިއަންޓެވެ.