ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2022 ވަނަ އަހަރުގެ ކަލަންޑަރު ތަޢާރަފުކޮށްފިއެވެ.
އާޓިފިޝަލް ބީޗުގައި ހޮނިހިރު ދުވަހު ބޭއްވި ކުޑަކުދިންގެ ހަވީރުގައި، މި ކަލަންޑަރު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު މުހައްމަދު ރަޝާދެވެ.
އެސްޓީއޯއިން ކޮންމެ އަހަރަކުވެސް އެކުންފުނީގެ ޚާއްސަ ކަލަންޑަރެއްދަނީ ނެރެމުންނެވެ. އެގޮތުން 2022ގެ ކަލަންޑަރަކީ ދިވެހި އަދަބީ ބަސް ދިރުވައި އާލާކުރުމުގެ މަޤްސަދުގައި ނެރެފައިވާ ކަލަންޑަރެކެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ދިވެހިބަސް ބޭނުންކުރުމުގައި އަދި ދުނިޔޭގެ ކޮންމެ ބަހެއް ބޭނުންކުރުމުގައިވެސް އެ ޤައުމެއްގެ އަދަބީ ބަސްތައް ބޭނުންކުރުމަކީ ވަރަށް މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ބަސްތަކުގެ މާނައިގައި ވަރަށް ބައިވަރު ކަންކަން އެކުލެވިގެންވާކަމަށާއި މިފަދަ ބަސްތައް ގިނަގިނައިން ބޭނުންކޮށް، ދިމާވާ ކަންކަމުގައި އިބުރަތް ޙާސިލްކުރުމަކީވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަމްރު ވަނީ ފާހަގަކޮށްފައެވެ.
" އަދި މިކަމުގެ ތެރޭގައި މިހާ ބޮޑަށް އަޅުގަނޑުމެން އިސްކަމެއް މިދިނީ އެއީ މިހާރު އަޅުގަނޑުމެން ތެރޭގައި މިއޮންނަ ހަރުބަހާއި މިސާލުބަހަކީ ވަރަށް ޒަމާނުންސުރެ އައިއްސަ އޮންނަ ބަސްތަކެއް. އެހެންނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ތަފާތުވެއްޖެ، މުޅި ދުނިޔެއަށްވެސް ބަދަލުތަކެއް އަތުވެއްޖެ، އާ ޚިޔާލުތައްވެސް އަތުވެއްޖެ. އަދި އާ ކަންކަންވެސް އަތުވެއްޖެ. އެހެންވީމަ އަޅުގަނޑުމެންވެސް އަބަދުވެސް އެ ހަރުބަހަކީވެސް އާވަމުން އަންނަ އެއްޗެއް ގޮތަށް ވުމަކީ ވަރަށް މުހިންމު ކަމެއް." އަމްރު ވިދާޅުވިއެވެ.
ހަމަ މިއާއެކު ބަހަކީ ދިރުން ހުންނަ އެއްޗެއްކަމާއި ބަސް އުފެދިގެން އަންނަނީ ގިނަ ކަންކަން އޭގެ ތެރޭގައި އެކުލެވި ގިނަ ބައެއްގެ ތަޖުރިބާއާއިވެސް އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާ ހަރުބަސްތަކާއި މިސާލު ބަސްތައް އިތުރުވާންޖެހޭކަންވެސް އަމްރު ވަނީ ފާހަގަކުރައްވާފައެވެ.
އެސްޓީއޯގެ ކަލަންޑަރުގައިވާ އަދަބީ ބަސްތައް އެކުލަވާލައިގެން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ އަދަބީ ފޮތެއްވެސް މި ހަފްލާގައިވަނީ ތަޢާރަފްކޮށްފައެވެ. މިފޮތް ތަޢާރަފް ކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް އެވެ.
މިހަފްލާގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ ރާއްޖޭގެ ދައުލަތުގެ ކުންފުނިތަކުން ދިވެހި ބަހަށް ޚާއްސަ ސަމާލުކަން ދީގެން މަސައްކަތްކުރާތަން ފެނުމަކީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސްގެ ހައިސިއްޔަތުން އެންމެ އުފާވާ އެއްކަންތައް ކަމަށެވެ. އަދި ދިވެހި ބަހުގެ އެކަޑަމީއެއް އުފައްދައިގެން، އެންމެ 25 މެންބަރުން، ޤާނޫނެއްގެ ދަށުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ދައުލަތުގެ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުންނާ ވުޒާރާތަކުން ދިވެހި ބަހަށް ދޭންޖެހޭ ސަމާލުކަން ނުދޭހާ ހިނދަކު ދިވެހިބަސް އޭގެ އެންމެ އެދެވޭގޮތުގައި ކުރިއަށްނުދާނެކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ.
އެގޮތުން ބައެއް ކުންފުނިތަކުގައި މިހާރުވެސް އެތާނގެ ލިޔެކިޔުންތައް އިނގިރޭސި ބަހުން މުއާމަލާތުކުރެވިގެންދާކަން ފާހަގަކުރައްވާ، އެސްޓީއޯއިން އިސްނަގައިގެން ކުރި މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ.
އެސްޓީއޯގެ 2021 ވަނަ އަހަރުގެ ކަލަންޑަރު ޚާއްސަކޮށްފައިވަނީ އެއްގަމާއި ކަނޑުގެ ދިރުން ހިމާޔަތްކުރުމަށެވެ. އެގޮތުން 2021 ވަނަ އަހަރުގެ އެސްޓީއޯ ކަލަންޑަރުގައި ދިވެހި ވަންތަކަން ދައްކުވައިދޭ، ޚިޔާލީ ދުނިޔެއަކަށް ފީނާލެވޭފަދަ މަންޒަރުތަކެއް ހިމެނެއެވެ.