ކުޅިވަރު

މިއީ ވަރަށްބޮޑު ޗެލެންޖެއް، ކުރިން ނުކުރުވަރުގެ ތަޖުރިބާއެއް މިއީ: ނާދު


ދަގްރާންޑޭ ގޮވައިގެން ނުކުމެފުރަތަމަ ޑިވިޝަން ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ފުޓްބޯޅައިގައި އޭނާ ކުރާ އެންމެ ޗެލެންޖް ބޮޑު މަސައްކަތް ކަމަށް ދަ ގްރާންޑޭގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފިއެވެ.

ކ. މާފުށްޓައް ނިސްބަތްވާ ގިނަ ޒުވާނުންތަކެއް ހިމަނައިގެން ދަ ގްރާންޑޭ ޓީމު އެކުލަވާލައިފައެވެ. ޓީމުގެ ތަމްރީންތައް ވެސް ކުރިޔަށްދަނީ ކ.މާފުށީގައެވެ. މިއަދު ހަވީރު ޕްރެޒިޑެންޓްސް ކަޕްގައި ދަ ގްރާންޑޭ ކުޅޭނީ ކްލަބް ގްރީން ސްޓްރީޓްސްއާ ބައްދަލުކުރަން އޮތް މެޗުގެ ކުރިން ވާހަކަދައްކަމުން ނާދު ބުނީ ފަރިތަކުރަން ލިބުނު މުއްދަތު އާންމުކޮށް ޕްރީ ސީޒަނަކަށް ބޭނުންވާ ވަގުތަށްވުރެ ކުޑަ ކަމަށެވެ. މިހާތަނަށް ޓީމު އެކުލަވާލުމުގައި ފެނުނު މައްސަލައަކީ ޑިފެންސިވް މަގާމުތަކަށް ރަނގަޅު ކުޅުންތެރިން މަދުވުން ކަމަށާއި ޕްރެޒިޑެންޓްސް ކަޕްގެ ވަކި ހިސާބަކުން ބިދޭސީ ކުޅުންތެރިން ގެންނާނީ އެ މަގާމްތަކަށް ކަމަށެވެ.

ރަށެއްގައި ފުޓްބޯޅަ ފޯރި އާލާކޮށް ފުރަތަމަ ޑިވިޝަނުގައި ރަށެއްގެ ރޫހުގައި ވާދަކުރުމަކީ ފުޓްބޯޅައަށް ވެސް އޭގެ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ނާދު ބުންޏެވެ. ގްރާންޑޭ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ މާފުށީ އެކި ވަޒީފާތަކުގައި އުޅޭ ކުދިން ކަމަށްވާތީ ހުރިހާ ކުޅުންތެރިންނަށް ގަވާއިދުން ޕްރެކްޓިހުގައި ބައިވެރިވުމަށް އުނދަގޫތަކެއް އެބަހުއްޓެވެ. އެކަމަކު، ކުޅުންތެރިންގެ ފަރާތުން ޕްރެކްޓިހަށް ޖުމްލަކޮށް ލިބޭ އެއްބާރުލުން ރަނގަޅުކަން ނާދު ފާހަގަކުރި އެވެ.

" މިއީ ވަރަށް ރަނގަޅު ފެށުމެއް ފުޓްބޯޅައަށް. މާފުށީގައި މިހެން ޓީމެއް ބާއްވައިގެން ކުރިއަށް ދިއުމަކީ ފުޓްބޯޅަ އަށް ކުރިއެރުމެއް،" ނާދުބުނިއެވެ.

ނާދު ބުނީ ގްރީން ސްޓްރީޓްސްގެ ތައްޔާރީތަކާ މެދު ނުވިސްނާނެ ކަމަށާއި ދަ ގްރާންޑޭއިން މެޗަށް ނުކުންނާނީ މިދިޔަ އަހަރު ލީގުގެ ތިން ވަނަ ހޯދި ގްރީން ސްޓްރީޓްސްއާ ކުޅެން ކަމަށެވެ. ނާދު ބުނީ އަންނަ ފެބްރުއަރީ މަހު ދިވެހި ޕްރިމިއާ ލީގު ފަށާއިރު، ޕްރެޒިޑެންޓްސް ކަޕުން ދަސްވާ ކަންކަމަށް ބަލައި ދަ ގްރާންޑޭ ރަނގަޅު ލެވަލަކަށް ގެންދެވިދާނެ ކަމަށެވެ.

"މި ދަނޑަށް އަދި މި ކަހަލަ މުބާރާތަކަށް އަދި ފުރަތަމަ ޑިވިޝަން ކުޅުންތެރިންތަކެއް ކުރިމަތީ ކުޅެން އާ ކުޅުންތެރިންތަކެއް. މިއީ ޓީމަށް ލިބޭނެ އުނދަގުލެއް ވިޔަސް ވަރަށް ބޮޑަށް ކިޔައިދީގެން ރަނގަޅު ކުރަމުން މި އަންނަނީ،" ކުރިން ފުރަތަމަ ޑިވިޝަނުގެ ވެލެންސިއާ އާއި އޯލްޔޫތުލިންކޭޖް އަދި ވިކްޓަރީގައި ވެސް މަސައްކަތްކުރި ނާދު ބުންޏެވެ.

ނާދުގެ ބެލުމުގެ ދަށުން ދަ ގްރާންޑޭ ޕްރެކްޓިސް ފެށީ މިދިޔަ މަހު 27 ގައެވެ. ނާދު ބުނީ ފަރިތަކުރަން ލިބުނު މުއްދަތު އާންމުކޮށް ޕްރީ ސީޒަނަކަށް ބޭނުންވާ ވަގުތަށް ވުރެ ކުޑަ ކަމަށެވެ. ދަ ގްރާންޑޭ އާއި ކްލަބް ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރުއެވެ.