ކުޅިވަރު

ހާލަތު ދަށް، އެކަށީގެންވާގޮތަށް ތައްޔާރެއް ނުވެވޭ: ނިޒާމް


އާ ސީޒަނާ ކުރިމަތިލީއިރު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތީ ވަރަށް ދެރަކޮށް ކަމަށާއި ޓީސީ ސްޕޯޓްސް ކުލަބަށް ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ތައްޔާރު ނުވެވޭކަމަށް އެޓީމުގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ.

ޕްރެޒިޑެންޓް ކަޕްގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކަމުން ނިޒާމް ބުނީ ފުޓްބޯޅަ ސީޒަނަށް އެންމެ އެކަށޭނެގޮތެއްގައި ތައްޔާރުވި ހަމަ އެއްވެސް ޓީމެއް ނެތްކަމަށެވެ. ރާއްޖޭގެ ފުޓްބޯޅަ މިދަނީ ރަނގަޅު މިސްރާބެއްގައި ނޫން ކަމަށްވެސް ނިޒާމް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައެވެ.

ނިޒާމް ބުނިގޮތުގައި އެހެން ޓީމުތައް ތައްޔާރު ނުވުމަކީ ސީޒަންގައި އެންމެ ރަނގަޅަށް ތައްޔާރުވި މާޒިޔާއަށް ވެސް ދެރައެކެވެ. އެހެން ޓީމުތައް ތައްޔާރު ނުވުމުން މާޒިޔާއަށް ޕްރީ ސީޒަންގެ ރަނގަޅު މެޗެއް ކުޅެލަން ނުލިބުމުން ފާހަގަ ކުރެވުނު މައްސަލަތައް، ޗެރިޓީ ޝީލްޑް މެޗުން ވެސް ފެނިގެން ދިޔަ ކަމަށް ނިޒާމް ބުންޏެވެ. ކްލަބުތަކުން ދޭންޖެހޭ މުސާރަތައް އަދާކޮށް ނުދިނުމުން ކުޅުންތެރިންގެ އާންމު ހާލަތު ވަރަށް ބޮޑަށް ވެއްޓިގެން ދިޔަ ކަމަށް ނިޒާމް ބުންޏެވެ.

އޭނާ ބުނީ ކޮވިޑް-19 އާ ގުޅިގެން ދިވެހި ކުޅުންތެރިން އުފުލި ތަކުލީފަކީ ދެރަ ހާލަތެއްކަމަށެވެ. ޓީސީއަށް ވެސް ވަނީ މުސާރައިގެ މައްސަލަތައް ކުރިމަތިވެފައެވެ. ނިޒާމް ބުނީ މިދިޔަ ސީޒަންގައި އެ ކްލަބުގެ ފުރަތަމަ 11 ގައި އާންމުކޮށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ފިޔަވައި އެހެން ކުޅުންތެރިން ވަނީ ބަދަލުވެފައިކަމަށެވެ.

" ވަކި ކްލަބެއް ކިޔާނެ ކަމެއް ނެތް. ހަމަ އެއްވެސް ކްލަބަކަށް އެންމެ އެކަށީގެންވާ ގޮތަކަށް މި މުބާރާތަކަށް ތައްޔާރެއް ނުވެވޭ. ކްލަބުތަކަށް ވަގުތު ލިބިއްޖެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާހިސާބަށް އައިރު ވެސް މިއޮތީ އެ ވަގުތުގެ ބޭނުން ނުހިފިފައި" މެޗުގެ ކުރިން ތައްޔާރުވުންތަކާ ގުޅޭގޮތުން ނިޒާމް ބުންނެވެ.

ނިޒާމް އިތުރަށް ބުނީ ރާއްޖޭގެ ކްލަބުތަކުގެ މިއޮތް ހާލަތު ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުޅޭ ސްޓައިލާއި ގޭމް ވެސް ބަދަލުވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، ޕްރެޒިޑެންޓް ކަޕުން، މި ސީޒަންގެ ފުރަތަމަ މުބާރާތް މާދަމާ ފަށާނެއެވެ.

ޕްރެޒިޑެންޓް ކަޕްގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ 9 ޖަހާއިރުއެވެ.