ކުޅިވަރު

ދަތި ތަކެއް އެބަހުރި، އެކަމަކު މެޗަށް ތައްޔާރު: ނިޝްތާރު


ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗާ ކުރިމަތިލާއިރު ގްރީން ސްޓްރީޓްސް އަށް ސީޒަނަށް ތައްޔާރުވުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެހެންނަމެވެސް ޓީމު އޮތީ ފުރަތަމަ މެޗަށް ތައްޔާރަށް ކަމަށް އެޓީމުގެ ކޯޗު ޢަލީ ނިޝްތާރު ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިޝްތާރު ބުނީ އެންމެ ބޮޑު މައްސަލައަކީ ޑިސެންބަރު މަހު މުބާރާތް ކުޅެންޖެހުންކަމަށެވެ. ކުޅުންތެރިންނަށް ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި އޮންނަ މުބާރާތްތަކުން ބޮޑެތި އާމްދަނީ ލިބޭ ކަމަށާއި އެހެންކަމުން އެކަން ހުއްޓުވަން އޭނާ މަސައްކަތް ނުކުރާކަމަށް ނިޝްތާރު ބުންޏެވެ.

ސީޒަންގެ ފުރަތަމަ މުބާރާތާ ގްރީންއިން ކުރިމަތިލަނީ އެންމެ ފަސް ޕްރެކްޓިހަށް ފަހު ކަމަށާއި އެކަށީގެންވާ ގޮތެއްގައި ސީޒަނަށް ތައްޔާރު ނުވެވުނަސް ޓީމު އޮތީ މުބާރާތައް ތައްޔާރަކަމަށް ނިސްތާރު ބުންޏެވެ. އެންމެ އެކަށީގެންވާ ގޮތެއްގައި ތައްޔާރު ނުވެ މުބާރާތްތަކަށް ކުރިމަތިލާއިރު ބޮޑެތި މައްސަލަތައް ނުކުންނާނެ ކަމަށާއި އެގޮތުން ކުޅުންތެރިންގެ ފިޓްނަސްއަށް ބަލާއިރު އެއީ މައްސަލައަކަށް ވާނެކަމަށާއި، އެގޮތުން މުބާރާތްތަކަށް ތައްޔާރުވާން ބަލާއިރު މަދުވެގެން އެއްމަސްދުވަހު ޕްރެކްޓިސް ބޭނުންވާނެކަމަށް ވެސް މިދިޔަ ސީޒަންގައި ވެސް ގްރީންގެ ކޯޗަކަށް ހުރި ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ ހާލަތު ކިތަންމެ ގޯސް ނަމަވެސް މުބާރާތުގައި ވާދަކުރާނީ ކާމިޔާބު ހޯދުމުގެ ބޭނުމުގައި ކަމަށެވެ. މިވަގުތަށް ބަލާއިރު ގްރީނަށް ކީޕަރެއްގެ ދަތިކަން އެބައޮތް ކަމަށާއި މިދިޔަ ސީޒަންގައި ޓީމުގަ ހުރި ބިދޭސީ ކީޕަރު ޕާކިސްތާން ހަނީފް ސާގިބް ޓީމާ ގުޅޭނީ ފަހުން ކަމަށެވެ. މި ސީޒަނުގައި ޓީމުން ފެންނާނީ ބިދޭސީ ތިން ކުޅުންތެރިން ކަމަށާއި އެގޭތެރޭގައި ކުރިން ވެސް ކުލަބުން ފެނުނު އޭންޖަލް މުނޯޒް ފެންނާނެ ކަމަށް ނިޝްތާރު ބުނިއެވެ.

" ފުރަތަމަކަމަކަށް މުބާރާތަށް ނުކުންނައިރު ދަތިތަކެއް އެބަހުރި. އަސްލު އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ތައްޔާރުވުންތައް ދިޔައީކީ، އެންމެ ހަތަރު ނުވަތު ފަސް ޕްރެކްޓިސް ކޮށްފަ މުބާރާތައް މި ނުކުންނަނީ." ނިޝްތާރު ބުނިއެވެ.

ނިސްތާރު މި ހާލަތުގައި ބޭނުންވަނީ ކުރެވެންހުރި ކަންކަން ކޮށްގެން ކާމިޔާބާ ހަމަޔަށް ދިޔުންކަމަށެވެ. ޕްރެޒިޑެންޓް ކަޕުގެ ފުރަތަމަ މެޗުގައި ގްރީން ނުކުންނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ. މެޗު ކުޅޭނީ މާދަމާ ހަވީރުއެވެ.