ޚަބަރު

2023ވަނަ އަހަރާ ހަމައަށް ކޯވިޑް-19ގެ ޙާލަތު ދިގުދެމިގެންދިޔުން އެކަށީގެންވޭ


2023ވަނަ އަހަރާ ހަމައަށް ކޯވިޑް-19ގެ ޙާލަތު ދިގުދެމިގެންދިޔުން އެކަށީގެންވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ބޭހާއި ވެކްސިންނާއި އެ ނޫންވެސް ޞިއްޙީ ފަރުވާދޭ ސާމާނު އުފައްދައި ފައިޒަރ ކުންފުނިން ކުރި ދިރާސާތަކަކަށްފަހު ބުނެފައިވަނީ ކޯވިޑް-19ގެ ޙާލަތު ކުރިޔަށް އޮތް އަހަރުގެ އިތުރުން ޖެހިގެން އަންނަ 2023ވަނަ އަހަރުގެ ބޮޑު ބަޔަކަށް ދިގުދެމިގެންދިޔުން އެކަށީގެންވާކަމަށެވެ. އެއާއެކު އެ ކުންފުނިންވަނީ ކޯވިޑް-19އަށް ވެކްސިން ޖެހުން މުޙިއްމުކަން ފާހަގަކޮށް ޢުމުރުން 2 އަހަރާއި 16 އަހަރުގެ ކުދިންނަށް ތިން ޑޯސް ހިމެނޭ ވެކްސިންނެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަން އިޢުލާންކޮށްފައެވެ.

ފައިޒަރ ކުންފުނީގެ ދިރާސާ ޢާއްމުކޮށްފައިވަނީ ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރުން ހުއްޓުވުމަށް ވިލާތުގެ ޤައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ވިލާތުގެ ބައެއް ޤައުމުތަކުގައި ދަތުރުފަތުރުކުރުމާއި އެއްވެ އުޅުމާއި ޙަފުލާތައް ބޭއްވުންވަނީ މަނާކޮށްފައެވެ.

ފައިޒަރ ކުންފުނިން ބުނެފައިވަނީ ކޯވިޑް-19 ފެތުރުން ހުއްޓި ޢާއްމު ބައްޔަކަށް ބަދަލުވާނީ 2024ވަނަ އަހަރުގެ ތެރޭގައިކަމަށެވެ. މީގެ ކުރިން އެމެރިކާގެ ސަރުކާރުން ލަފާކޮށްފައިވަނީ 2022ވަނަ އަހަރުގެ ތެރޭގައި ކޯވިޑް-19 ފެތުރުން ހުއްޓި ޢާއްމު ބައްޔަކަށް ބަދަލުވާނެކަމަށެވެ. ނަމަވެސް އޭގެ ފަހުން އޮމިކްރޯން ފެތުރެން ފަށައި ދުނިޔޭގެ ޙާލަތުވަނީ އަނެއްކާވެސް ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައެވެ.

ފައިޒަރ ކުންފުނިންވަނީ ޖަރުމަންވިލާތުގެ ބަޔޮންޓެކާއެކު ކޯވިޑް-19އަށް ވެކްސިންނެއް އުފައްދައިފައެވެ. އެއީ ބައްޔާ ދެކޮޅަށް އުފެއްދި އެންމެ ފެންވަރު ރަނގަޅު ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ވެކްސިންނެކެވެ، ފައިޒަރ ކުންފުނިން ބުނެފައިވަނީ ތިން ޑޯސް ހިމެނޭ ވެކްސިންނުން ބައްޔާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކޮށްދޭ ނިޞްބަތް އިތުރުވެފައިވާކަން ހޯދިފައިވާކަމަށެވެ. އެއާއެކު އެ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ ތިންވަނަ ޑޯސެއް ހިމެނުމުގެ މަސައްކަތްކުރަމުންދާކަމަށް ފައިޒާއިން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ އިންޕީރިއަލް ކޮލެޖުން ޢާއްމުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ އޮމިކްރޯން ޖެހުމުގެ ފުރުޞަތު 5.4 ގުނަ އިތުރުކަމަށާއި ކުރިން ބަލިޖެހިފައިވާ މީހުންނަށްވެސް އޮމިކްރޯން ޖެހުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އަދި ކުރިން ފެތުރުނު ބަލީގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ ޑެލްޓާއަށްވުރެ އޮމިކްރޯނުގެ ނުރައްކާތެރިކަން ކުޑަނޫންކަމަށްވެސް އިންޕީރިއަލް ކޮލެޖުން ބުނެފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކުން 1،800އަށްވުރެ ގިނަ މީހުންނަށްވަނީ އޮމިކްރޯން ޖެހިފައެވެ.