ޚަބަރު

ބާރުގަދަ ތޫފާނަކާއެކު ފިލިޕީންސަށް ބޮޑެތި ގެއްލުންތަކެއް


ފިލިޕީންސަށް އެރި ބާރުގަދަ ތޫފާނުގައި 12އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ރައީސް ރޮދްރިގޯ ދުތާތޭ ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކޮށް ތޫފާނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދުތާތޭ ވިދާޅުވީ މަރުވި މީހުންގެ ޢަދަދު އިތުރުވުން އެކަށީގެންވާކަމަށާއި އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ. ތޫފާނު އެރި ސަރަޙައްދަށް ވަޑައިގަންނަވާނެކަން އިޢުލާންކުރައްވަމުން ދުތާތޭ ވިދާޅުވީ ތޫފާނުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކާމެދު އޭނާ ހިތާމަނުކުރައްވާކަމަށާއި އެންމެ މުޙިއްމު ކަމެއް އޭނާ ދެއްވަނީ ޢާއްމުންގެ ފުރާނަ ސަލާމަތްކުރުމަށްކަމަށެވެ.

ފިލިޕީންސުގެ ސަރުކާރުން ބުނެފައިވަނީ ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްޞީލުތައް ދެނެގަންނަމުންދާކަމަށާއި ގެއްލުންތަކަށް ބަދަލުދޭނެކަމަށެވެ. އަދި ގިނަ ބަޔަކު މަރުވީ ގަސްތައް ވެއްޓި އިމާރާތްތައް ދަށުވެގެންކަމަށާއި އެ ޤައުމުގެ ގިނަ ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވާކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

ތޫފާނު ރާއީ ފިލިޕީންސަށް އަރާފައިވަނީ ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އެއީ މި އަހަރުގެ ތެރޭގައި ފިލިޕީންސަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަދި ގެއްލުން ބޮޑު ތޫފާނެވެ. އެ ގޮތުން ގިނަ ޢަދަދެއްގެ އިމާރާތްތަކަށް ގެއްލުންވެ 300،000އަށްވުރެ ގިނަ މީހުންވަނީ ޙާލުގައި ޖެހިފައެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ފިލިޕީންސަށް އަހަރަކު ގާތްގަނޑަކަށް 20 ތޫފާނު އަރައެވެ.