އިންޑިޔާގައި 100އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ޖެހިފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގައި ހަލުވިކަމާއެކު އޮމިކްރޯން ފެތުރެން ފަށާފައިވަނީ 500އަށްވުރެ ގިނަ ދުވަސް ފަހުން އެ ޤައުމުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވަނިކޮށްކަމަށެވެ. އެ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުތައް ދަށަށް ދާން ފެށުމުން އެ ޤައުމުގައި ތަންފީޒުކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢާއްމުން ފަރުވާކުޑަކުރަމުންދާކަމަށެވެ. އެ ގޮތުން މާސްކު ނާޅައި ބޭރުގައި އުޅުމާއި ގައިދުރުކަން ނުބެހެއްޓުން ހިމެނެއެވެ.
ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި އެއް ޤައުމަކުން އެންމެ ގިނަ މީހުންނަށް އޮމިކްރޯން ޖެހިފައިވަނީ އިންޑިޔާއިންނެވެ. އެ ގޮތުން އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގައި ކޯވިޑް-19 ޖެހޭ މީހުންގެ ގާތްގަނޑަކަށް %3 މީހުންނަށް އޮމިކްރޯން ޖެހިފައިވާކަން ހޯދިފައިވާކަމަށެވެ.
އިންޑިޔާގެ އިންސްޓިޓިއުޓު އޮފް ހެލްތު މެޓްރިކްސް އެންޑު އިވެލުއޭޝަނުން ބުނެފައިވަނީ އެ ޤައުމުގައި މާސްކު އަޅަނީ %59 މީހުންކަމަށެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ކޯވިޑް-19ގެ ޙާލަތު އިންޑިޔާގައި އެންމެ ގޯސްވި ދުވަސްވަރު އެ ނިޞްބަތް ހުރީ %81ގައެވެ.
އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިންވަނީ މާސްކު ނާޅައި ގައިދުރުކަން ނުބެހައްޓައިނަމަ ކޯވިޑް-19ގެ ނުރައްކާތެރި ރާޅަކައި އަނެއްކާވެސް އެ ޤައުމުން ކުރިމަތިލާން ޖެހޭނެކަމަށެވެ.