ޚަބަރު

މަހާތިރު ހަސްފަތާލުގައި އެންދުމަތިކޮށްފި


މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު ހަސްފަތާލުގައި އެންދުމަތިކޮށްފިއެވެ.

މެލޭޝިޔާގެ ނޭޝަނަލް ހާޓު އިންސްޓިޓިއުޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހާތިރު ހަސްފަތާލުގައި އެންދުމަތިކުރުމަށްފަހު އޭނާގެ ޞިއްޙީ ހާލަތު ދެނެގަތުމަށް ތަޙްލީލުކުރުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް މަހާތިރު ހަސްފަތާލުގައި އެންދުމަތިކޮށްފައިވާ މުއްދަތެއް އަދި ކުރަން ނިންމާފައިވާ ތަޙްލީލުތަކުގެ ތަފްޞީލެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ޢުމުރުފުޅުން 96 އަހަރުގެ މަހާތިރަށް ތަފާތު ޞިއްޙީ މައްސަލަތަކާވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އެ ގޮތުން އޭނާވަނީ ހިތުގެ ގިނަ އޮޕަރޭޝަންތަކެއް ކުރައްވައިފައެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުކަން އެންމެ ދިގު މުއްދަތަކަށް ކުރައްވާފައިވަނީ މަހާތިރެވެ. އޭނާވަނީ 1981ވަނަ އަހަރުން 2003ވަނަ އަހަރަށް މެދުނުކެނޑި ބޮޑުވަޒީރުކަން ކުރައްވައިފައެވެ. އަދި 2018ވަނަ އަހަރުގެ ތެރޭގައި އޭނާވަނީ އަލުން ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންފައެވެ. ނަމަވެސް ވެރިކަންކުރާ އިއްތިޙާދުގައި ޖެހުނު މައްސަލަތަކަށްފަހު އޭނާވަނީ ބޮޑުވަޒީރުކަމުން އިސްތިޢުފާދެއްވައިފައެވެ. އޭނާއަކީ އަދިވެސް މެލޭޝިޔާގެ ސިޔާސީ މަޞްރަޙުގައި ނުފޫޒުގަދަ ބޭފުޅެކެވެ.