އިންގްލީޝް ޕްރިމިއަރ ލީގުގައި ލިވަޕުލާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަކަށް ކުޑަކޮށްފިއެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގައި ލިވަޕޫލުން ކުޅެމުންދިޔައީ ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުގެ ސަބަބުން މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ވަރޖިލް ވެން ޑައިކާއި ފަބީނިއޯ އާއި ނުލައެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ނިއުކާސްލްއިންނެވެ. މިލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ޖަހައިދިނީ ޖޮންޖޯ ޝެލްވީއެވެ. ނަމަވެސް ލިވަޕޫލުން ވަނީ މެޗްގެ 21 ވަނަ މިނެޓްގައި ޑިއޮގޯ ޖޮޓާ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން މުހައްމަދު ސަލާހް ވަނީ މިމެޗްގައި ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. މިލަނޑާއެކު ސަލާހް މިވަނީ ޖެހިޖހެގެން 15 މެޗްގައި ލަނޑު ޖަހާ ނުވަތަ ލަނޑެއް ޖެހުމުގެ ފުރުސަތު ތަނަވަސް ކޮށްދީގެން ލެސްޓަރ ސިޓީގެ ޖެމީ ވާރޑީ ހަދާފައިވާ ރިކޯޑާ އަރާ ހަމަކޮށްފައެވެ. މިމެޗްގައި ލިވަޕޫލްގެ ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހައިދިނީ ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑެވެ. މިމެޗްގައި ނިއުކާސްލްއަށް އިތުރު ލަނޑެއް ކާމިޔާނުކުރެވުނު ނަމަވެސް ދެވަނަ ހާފްގައި ވަނީ ކުޅުން ރަނގަޅު ކޮށް ދޭތެރެ ދޭތެރެއިން ލިވަޕޫލްގެ ގޯލަށް ނުރައްކާކޮށްފައެވެ.
މިކާމިޔާބީއާއެކު ލިވަޕޫލަށް މިހާރުވަނީ ކުޅުނު 17 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ސިޓީ އާއި އެއް ޕޮއިންޓަށް ގާތްކޮށްފައެވެ. އަދި މިމެޗުން ބަލިވުމުން ނިއުކާސްލް އަދިވެސް އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.