ކުޅިވަރު

ގުރުނެގުމުގައި ދިމާވި މައްސަލައިގައި ޔޫއެފާ ރައީސް މާފަށްއެދިއްޖެ


ޓެކްނިކަލް މައްސަލައެއް ދިމާވެގެން އޮޅުންތަކެއް އެރި ކަމަށް ބުނެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން އަލުން ބާއްވަން ޖެހުނު މައްސަލައިގައި ޔުއެފާގެ ރައީސް އެލެކްސެންޑަ ޗެފެރިން މާފަށް އެދިއްޖެއެވެ.

ފުރަތަމަ ގުރުއަތުލުމުގައި ދިމާވި މައްސަލަތަކަށް ބަލާއިރު، ފުރަތަމަ ޔުނައިޓެޑާއި ވިޔަރެއާލް ކުޅެން ޖެހޭގޮތަށް ގުރުއަތުން ދިމާވިއިރު، މި ދެ ޓީމަކީ އެއް ގްރޫޕެއްގައި ހިމެނޭ ދެ ޓީމު ކަމަށްވާއިރު، ގަވާއިދުގައި އޮންނަ ގޮތުން ނޮކައުޓް ފުރަތަމަ ބުރުގައި އެ ދެ ޓީމު ކުޅެން ނުޖެހޭނެއެވެ. ދެން ފާހަގަކުރެވުނު މައްސަލައަކީ ލިވަޕޫލާއި އެތުލެޓިކޯއާ ކުޅެން ޖެހޭ ގުރުއަތުލުން ގެންދިއުމެވެ. އެތުލެޓިކޯ އާއި ލިވަޕޫލް އެއް ގްރޫޕެއްގައި ކުޅެފައިވާއިރު، މި ދެ ޓީމު ދެ ވަނަ ބުރުގައި ބައްދަލުނުކުރެވޭނެއެވެ.

ދެން ފާހަގަވި މައްސަލަ އަކީ އެތުލެޓިކޯގެ ގުރުއަތުލުމުގައި ޔުނައިޓެޑް ހިމަނާފައިނުވުމެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވި ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ގުރުއަތުލުމުގައި މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑުން އިސްނަގައިގެން، އަލުން ގުރުއަތުލުން ބާއްވަން ގިނަ ޓީމުތަކުން ޕްރެޝަރު ކުރުމުން ޔުއެފާއިން ނިންމީ އަލުން ގުރުއަތުލުން ކުރިއަށް ގެންދާށެވެ. އެއީ ފުރަތަމަ ގުރުއަތުލުމުގައި ތިން މައްސަލައެއް ފާހަގަކުރެވިގެންނެވެ. ޗެފެރިން ވިދާޅުވީ އަލުން ގުރުއަތުލުން ކުރިއަށް ގެންދަން ނިންމީ ރަނގަޅަށް ކަމަށާއި އެ ހުރިހާ ކަމަކަށް ހައްލު ހޯދީ ވަރަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

ގުރުއަތުލުން ދެ ވަނަ ފަހަރަށް ބޭއްވިއިރު، ޗެލްސީ އާއި ފްރާންސްގެ ލޮސްކް ލިލް ކުޅޭ މެޗު ފިޔަވައި ދެން އޮތް ހަތް މެޗު ވެސް ވަނީ ބަދަލުވެފައެވެ.