ކުޅިވަރު

ނޭޝަންސް ލީގު: އިންގްލޭންޑް އަދި ވޭލްސް ވަރުގަދަ ގުރޫޕަކަށް


ޔޫއެފާ ނޭޝަންސް ލީގު އަންނަ ސީޒަންގައި އިންގްލޭންޑާއި ވޭލްސް ވަރުގަދަ ގުރޫޕްތަކުގައި ލައްވާލައިފިއެވެ. މުބާރާތުގެ ގުރޫޕް އޭގެ 3ގައި އިންގްލޭންޑް ވާދަކުރާނީ އެންމެ ފަހުން ޔޫރަޕުގެ ޗެމްޕިއަން އިޓަލީގެ އިތުރުން ޖަރުމަނާ ހަންގޭރީއާއެވެ. ވޭލްސް މުބާރާތުގެ ގުރޫޕް އޭގެ 4ގައި ވާދަކުރާނީ ބެލްޖިއަމާއި، ނެދަލޭންޑްގެ އިތުރުން ޕޯލެންޑާއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ހިމެނެނީ ގުރޫޕް އޭގެ 1ގައި އޮސްޓްރިޔާ، ކޮރޭޝިޔާގެ އިތުރުން ޑެންމާކާއެކު އެއް ގުރޫޕެއްގައިއެވެ. މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ސްޕެއިން ހިމެނެނީ ޕޯޗުގަލްއާއި، ސްވިޒަލޭންޑް އަދި ޗެކްރިޕަބިލްކާއެކު އެއްގުރޫޕެއްގައިއެވެ. ޕޯޗުގަލްއަކީ އެންމެ ފުރަތަމަ ބޭއްވުނު ނޭޝަންސް ލީގު ކާމިޔާބުކުރި ގައުމެވެ.

ގުރޫޕްބީގެ އެންމެ ބޮޑަށް ވާދަވެރިކަމެއް ފެންނާނެ ކަމަށް ބެލެވޭނީ ގުރޫޕްބީގެ ހަތަރެކެވެ. މި ގުރޫޕްގައި ސްވިޑެން، ނޯވޭ ހިމެނޭއިރު ދެން ހިމެނެނީ ސާބިޔާއާއި، ސްލޮވޭނިޔާއެވެ. ގުރޫޕްބީގެ 1ގައި ސްކޮޓްލޭންޑް ހިމެނެނީ ޔުކްރޭން އާއި ރިޕަބްލިކް އޮފް އަޔަލޭންޑްގެ އިތުރުން އަރްމޭނިޔާ އެއް ގުރޫޕެއްގައެވެ. އަންނަ އަހަރުގެ ޖޫންގައި މުބާރާތުގެ މެޗުތައް ފެށުމުގެ ކުރިން މާޗު މަހުގައި މުބާރާތުގެ ޕްލޭއޯފް މެޗުތައް ކުޅުމަށް ވަނީ ތާވަލް ކޮށްފައެވެ.

އެގޮތުން ކަޒަކިސްތާނާއި މޯލްޑޯވާ ވާދަކުރާ މެޗާއި ސައިޕްރަސް އާއި އެސްޓޯނީޔާ ވާދަކުރާ މެޗު ހިމެނެއެވެ. މި ދެ މެޗުން މޮޅުވާ ޓީމުތައް ވާދަކުރާނީ ގުރޫޕް ސީގައެވެ. ބަލިވާ ޓީމު ވާދަކުރާނީ ގުރޫޕް ޑީގައެވެ. މުބާރާތުގެ ގުރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުތައް އަންނަ ޖޫންމަހުގެ ފުރަތަމަ ހަފްތާގައި ކުޅުމަށް ވަނީ ތާވަލްކުރެވިފައެވެ. މުބާރާތުގެ ގުރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފަ ވަނީ އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހު ހަފްތާގައެވެ.

ނޭޝަންސް ލީގުގެ ފުރަަތަމަ ޗެމްޕިއަނަކީ ޕޯޗުގަލްއެވެ. އެ ޓީމުން ތަށި ހޯދީ 2019 ވަނަ އަހަރު ނެދަލެންޑްސް ބަލިކޮށްފައެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސުން އެންމެފަހުގެ ނޭޝަންސް ލީގު ކާމިޔާބުކުރީ ފައިނަލުގައި ސްޕެއިން ބަލިކުރުމަށްފަހުއެވެ.