ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް، ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް މިފަހަރުވެސް ދިވެހިރާއްޖެއިން ހޯދައިފިއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމުގައިވާ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ހޯދާފައިވާއިރު، މިދިޔަ އަހަރުވެސް ރާއްޖެއިން ވަނީ މި އެވޯޑް ހޯދާފައެވެ. މިއަހަރުގެ ވޯލްޑް ޓްރެވަލްސް އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް މިއަހަރު ރާއްޖެއަށް ލިބުނީ 18 ޤައުމަކާއި ވާދަކޮށްގެނެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދޭ 1993 ވަނަ އަހަރުން ފެށިގެން ދެމުންއަންނަ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.
މިއަހަރުގެ ވޯލްޑް ޓްރެވަލްސް އެވޯޑްސްގައި ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑްގެ އިތުރުން، އިންޑިއަން ލީޑިންގ ބީޗު ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިންގ ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން އަދި އިންޑިއަން އޯޗަން ލީޑިންގ ޓުއަރިސްޓް ބޯޑުގެ އެވޯޑްވެސް ރާއްޖެއަށް ވަނީ ލިބިފައެވެ.
ރާއްޖެއިން ޖެހިޖެހިގެން ދެވަނަ އަހަރު މި އެވޯޑު ހާސިލު ކުރިއިރު، ރާއްޖޭގެ ފަތުރުވެރިކަން މިވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން 2019 އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއިރު އޭރު އެއީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރެވެ. އޭގެ ފަހުން ކޯވިޑާއި ގުޅިގެން 110 ދުވަހަށް 2020 ވަނަ އަހަރު ބޯޑަރުތައް ބަންދު ކުރިއެވެ.
އޭރުވެސް ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށް ވެގެން ދިޔައީ ސިނާޢަތުގެ އެއްވެސް ބައެއް ހުއްޓުނަ ނުދީ ހިފެހެއްޓުމެވެ. އެގޮތުން ރިސޯޓުތަކާއި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސަރުކާރުން ވަރަށް ގިނަ ލުއިތަކެއް ދިނެވެ. މިގޮތުން ދިން ލުއިތަކުގެ ތެރޭގައި ކޯވިޑު ރިކަވަރީ ލޯނާއި އަދި ރިސޯޓުތަކުންނާއި އެހެނިހެން ގޮތްގޮތުން ވަޒީފާތައް ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވެންސް ދިނެވެ. މި ލުއިތަކާއެކު ބޯޑަރު އަލުން ހުޅުވިއިރު، ސަރުކާރު އޮތީ ފަތުރުވެރިކަން އަލުން ފެށުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.
ސަރުކާރުން އޭރުކުރި ގިނަ މަސައްކަތާއެކު 2020 ވަނަ އަހަރު ނިންމާލީ ފަސް ލައްކަ ފަތުރުވެރިންނާއި އެކު ނަމަވެސް، ގެއްލެމުން ދިޔަ ސިނާޢަތް އެކަމާއި ގުޅިގެން ވަނީ ސަލާމަތްވެފައެވެ. އަދި އަހަރުގެ އެންމެ މަޤްބޫލު މަންޒިލުގެ ލަޤަބުވެސް ރާއްޖެ ކާމިޔާބު ކުރީ ހުރިހާ ގޮންޖެހުންތަކާއި އެކުގައެވެ. މިކަމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓްރީން ވަނީ މިއަހަރު ސަރުކާރުގެ އަމާޒަކީ އެއް މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ބުނެފައެވެ.
މިއަމާޒުވެސް ސަރުކާރުން ވަނީ ފަހު ކުއާޓާގެ ފުރަތަމަ މަސް ނިމުމުގެ ކުރީން ހާސިލުކޮށްފައެވެ. އެގޮތުން މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިހާ ހިސާބަށް އައިއިރު 2019 ވަނަ އަހަރުގެ ބެޑްނައިޓްސްއަށްވުރެ މިއަހަރުގެ ބެޑްނައިޓްސްވެސް އިތުރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. ޓުއަރިޒަމް މިނިސްޓްރީން ފާހަގަކުރިގޮތުގައި ރާއްޖެއަށް މިސިނާޢަތުގައި ލިބޭ ހުރިހާ ކާމިޔާބީއަކީވެސް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތުން ސަރުކާރާއި ގުޅިގެން ހާސިލުކޮށްފައިވާ ކާމިޔާބީތަކެވެ.
ރާއްޖެއަށް ލިބުނު އެވޯޑްތަކުގެ އިތުރުން، ރާއްޖޭގައި ހިންގާ ބައެއް ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކަށްވެސް ވަނީ ވޯލްޑް ޓްރެވަލްސް އެވޯޑްސްގައި ޝަރަފުވެރި އެވޯޑްތަކެއް ލިބިފައެވެ. އެގޮތުން ރާއްޖޭގެ 7 ރިސޯޓަކުން އެކި ދާއިރާތަކުން އެވޯޑު ހާސިލުކޮށްފައިވާއިރު، ހުޅުލޭ އައިލޭންޑް ހޮޓެލް ވަނީ ލީޑިން އެއާޕޯޓު ހޮޓެލްގެ މަޤާމު ހާސިލުކޮށްފައެވެ.
މި އެވޯޑް ރާއްޖެއަށް ލިބުނުކަން އިއުލާން ކޮށްފައި ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2021ގެ ގްރޭންޑް ފިނާލޭ ހަފްލާގައެވެ. މިދިޔަ އަހަރުވެސް ރާއްޖެއަށް ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބިފައިވާއިރު، އެއީ މި އެވޯޑް ރާއްޖޭގެ ފަތުރުވެރިކަމުގެ ދިގު ތާރީހުގައި ލިބުނު ފުރަތަމަ ފަހަރެވެ.