ޚަބަރު

ޒުމާ އަލުން ޖަލަށް ބަދަލުކުރަނީ


ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ އަލުން ޖަލަށް ބަދަލުކުރަން ނިންމައިފިއެވެ.

2009ވަނަ އަހަރުން 2018ވަނަ އަހަރަށް ދެކުނު އެފްރިކާގެ ވެރިކަންކުރެއްވި ޒޫމާ 15 މަސްދުވަހަށް ޖަލުގައި ބަންދުކުރުމަށް ޙުކުމުކޮށްފައިވަނީ ޚީޔާނާތުގެ ތަޙްޤީޤަށް އޭނާ އެއްބާރުލުން ނުދެއްވުމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކުރި ތަޙްޤީޤަށް މަޢުލޫމާތު ދެއްވުމަށް ވަޑައިގެންނެވުމަށް ޒޫމާވަނީ އިންކާރުކުރައްވައިފައެވެ. އެއާއެކު އޭނާ ޖަލުގައި ބަންދުކުރުމަށް ދެކުނު އެފްރިކާގެ އުއްތަމަ ފަނޑިޔާރުގެ ނައިބު ރޭމަންޑު ޒޮންޑޯވަނީ އެދިވަޑައިގެންފައެވެ. އެއާއެކު ދެކުނު އެފްރިކާގެ ކޯޓުންވަނީ ކުރިޔަށް އޮތް ފަސް ދުވަހުގެ ތެރޭގައި ފުލުހުންނާ އަމިއްލަފުޅަށް ޙަވާލުވުމަށް ޒޫމާއަށް ޢަމުރުކޮށްފައެވެ. ޒޫމާއަށް ކުރި ޖަލު ޙުކުމު އިސްތިޢުނާފުކުރުމުން އެ މައްސަލަ އިތުރަށް ނުބެލޭނެކަމަށްވަނީ ކޯޓުން ބޭރުކޮށްލައިފައެވެ. ނަމަވެސް ޒޫމާގެ ޙާލުކޮޅު ގޯސްވުމުން އޭނާ ގޭބަންދަށް ބަދަލުކުރުމުގެ ޙުއްދަ ކޯޓުން ދިނެވެ.

ޢުމުރުފުޅުން 79 އަހަރުގެ ޒޫމާގެ މައްޗަށް ކުރެވެނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި ވެރިކަމުގައި ހުންނެވި ދުވަސްވަރުގައި ޚިޔާނާތުގެ ޢަމަލުތައް ހިންގެވުމުގެ ތުޙްމަތުތަކެކެވެ. އޭގެ ތެރޭގައި 1999ވަނަ އަހަރުގެ ތެރޭގައި ދެކުނު އެފްރިކާގެ ނައިބު ރައީސްކަން ޒޫމާ ކުރެއްވި ދުވަސްވަރުގެ ތެރޭގައި އެ ޤައުމުން ކޮށްފައިވާ ދެ ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ގަތުމުގެ މުޢާމާލަތެއްގެ ތަޙްޤީޤުވެސް ހިމެނެއެވެ. އޭގެ އިތުރުން އިންޑިޔާގެ ގުޕުތާ ޢާއިލާއެކު ހިންގެވި ޚިޔާނާތުގެ ޢަމަލުތަކެއްގެ ތަޙްޤީޤު ދަނީ ކުރިޔަށެވެ. އެ ހުރިހާ ތުޙްމަތުތަކަކަށް އިންކާރުކުރައްވައި ތަޙްޤީޤަށް އެއްބާރުލުން ދެއްވަން އިންކާރުކުރައްވާކަމަށް ޒޫމާވަނީ ވިދާޅުވެފައެވެ.

ޢާއްމުންގެ ބޮޑު ތާޢީދެއް އޮންނަ ޒޫމާ ޖަލަށް ލުމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ޙުކުމު ކުރުމުން ދެކުނު އެފްރިކާގައި ހިނގި ހަމަނުޖެހުންތަކުގައި 300 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމުވިއެވެ.