ޚަބަރު

119 ކިލޯގެ ޑްރަގް މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި


މާލެއާއި ހުޅުމާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އެންމެފަހުން ހިންގި ހާއްސަ އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު އާއްމުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންތަކަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ޑިސެމްބަރު މަހުގެ 12 އިން 14 އަށް މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކެއްކަމަށެވެ. އަދި މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްކަމަށާއި މި އެންމެންނަކީވެސް ދިވެހިންކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަންތަކުގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީ އަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލް ބަލައިފާސްކޮށްފައިވެއެވެ. މިގޮތުން ޑިސެމްބަރު 12 ވަނަ ދުވަހު މާލެއިން ޓެކްސީއެއް ހުއްޓުވައި ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ޑިސެމްބަރު 13 ވަނަ ދުވަހު ސައިކަލެއް ބަލައިފާސްކޮށް، ސައިކަލްގެ މަޑިދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާއިރު، ޑިސެމްބަރު 14 ވަނަ ދުވަހު މައްސަލައާ ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށް ހުޅުމާލެއިން ކާރެއް ހުއްޓުވައި ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެކާރު ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާކަމަށާއި މި އޮޕަރޭޝަނުގައި ޖުމްލަ 119 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 51 އަހަރުގެ މީހާއާއި 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާއިރު، 29 އަހަރު މީހާ ކޯޓަށް ހާޒިރުކުރުމުން ވަނީ އެއް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އެމީހާ ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ހާޒިރުކުރުމުން ވަނީ 14 ދުވަހުގެ މުއްދަތެއް ދީފައިކަމަށް ފުލުހުން ވިދާޅުވެއެވެ.