ޚަބަރު

މަޖިލިސް އިންތިޚާބުގައި ވާދަނުކުރެއްވުމަށް ފިލިޕީންސުގެ ރައީސް ނިންމަވައިފި


ފިލިޕީންސުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެއްވުމަށް އެ ޤައުމުގެ ރައީސް ރޮދުރިގޯ ދުތާތޭ ނިންމަވައިފިއެވެ.

ޢުމުރުން 75 އަހަރުގެ ދުތާތޭއަށް ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ވާދައެއް ނުކުރެއްވޭނެއެވެ. ނަމަވެސް އޭނާއަށް އެހެން މަޤާމުތަކަށް ކުރިމަތިލެއްވޭނެއެވެ. އެހެންކަމުން އޭނާވަނީ ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރެއްވުމަށް ނިންމަވައިފައެވެ.

ފިލިޕީންސުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ދުތާތޭ ނިންމެވީ ރިޔާސީ އިންތިޚާބުގައި އޭނާ ތާޢީދުކުރައްވަން ނިންމެވި ފިލިޕީންސުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ކުރިސްޓޮފަރ ބޮންގު ގޯވެސް ނަން އަނބުރާ ގެންނަވާފައިވާ ދަނޑިވަޅެއްގައެވެ. އެއާއެކު ރިޔާސީ އިންތިޚާބުގައި ފިލިޕީންސުގެ ސަރުކާރުން ތާޢީދުކުރާނެ ކެނޑިޑޭޓަކާމެދުވަނީ ސުވާލުއުފެދިފައެވެ.

2016ވަނަ އަހަރުގެ ތެރޭގައި ފިލިޕީންސްގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގަތް ދުތާތޭގެ ދަރިކަނބަލުން ސާރާ ދުތާތޭ-ކާރްޕިޔޯ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރިން ނިންމެވިއެވެ. އަދި އޭނާގެ ރަނިންމޭޓަކަށް ހަމަޖައްސަވާނެކަމަށް ކުރިން ބެލެވިފައިވަނީ ގޯއެވެ. ނަމަވެސް ގޯ ފަހުންވަނީ އަމިއްލަފުޅަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައިފައެވެ. އެއާއެކު އޭނާގެ ރަނިންމޭޓަކަށް ސާރާ ވެވަޑައިގަންނަވާނެކަމަށްވަނީ ބެލެވިފައެވެ. ނަމަވެސް ފަހުން ދުތާތޭވަނީ އަމިއްލަފުޅު ދަރިކަނބަލުންނާ ދެކޮޅަށް ގޯގެ ރަނިންމޭޓުކަން ހޯއްދަވަން މަސައްކަތްކުރައްވައިފައެވެ. އެ ނުތަނަވަސްކަމުގެ ތެރެއިން ސާރާވަނީ އެހެން ކެނޑިޑޭޓެއްކަމަށްވާ ފާދިނެންދު މާރްކޮސް ޖޫނިޔަރގެ ރަނިންމޭޓޫކަން ޤަބޫލުކުރައްވައިފައެވެ. ފިލިޕީންސުގެ ކުރީގެ ޚުދުމުހުތާރު ވެރިޔާ ފާދިނެންދު މާރްކޮސްގެ ދަރިކަލުން ޖޫނިޔަރއަކީ މިހާރު އެންމެ ގިނަ ބައެއްގެ ތާޢީދު އޮތް ކެނޑިޑޭޓެވެ.

ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 9ވަނަ ދުވަހުއެވެ. އިންތިޚާބުގައި 64 މިލިޔަން މީހުން ވޯޓުލުމަށް ޝަރުތުހަމަވާނެއެވެ. ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގެ އިތުރުން އެ ޤައުމުގެ ޢާއްމު އިންތިޚާބާއި ސަރަޙައްދީ އިންތިޚާބުގެ ވޯޓުލުން ބާއްވާނެއެވެ. އެ އިންތިޚާބުތަކުގައި އެތައް ހާސް މީހުންނެއް ވާދަކުރާނެއެވެ. އޭގެ ތެރޭގައި ފިލްމުކުޅޭ މީހުންނާއި ވިޔަފާރިވެރިންނާއި ޤައިދީންވެސް ހިމެނޭނެއެވެ.

ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގައި މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ މެނީ ޕެކިޔާއޮވަނީ ވާދަކުރައްވަން ނިންމަވައި ލިޔެކިޔުންތައް ހުށަހަޅުއްވައިފައެވެ.