ޚަބަރު

އޮމިކްރޯން ފެތުރޭތީ މެލޭޝިޔާގައި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރޭތީ މެލޭޝިޔާގައި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

މެލޭޝިޔާގެ ޞިއްޙަތާބެހޭ ވަޒީރު ޚައިރީ ޖަމާލުއްދީން ވިދާޅުވީ އެ ޤައުމުގައި އޮމިކްރޯން ޖެހިފައިވާ 2 މީހުން ފެނިފައިވާކަމަށާއި ކޯވިޑް-19 ޖެހިފައިވާ އިތުރު 18 މީހުންނަށް އޮމިކްރޯނުގެ އަސަރުކޮށްފައިވާކަން ޔަޤީންކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ އެ މީހުންނަކީ އެއް މަތިންދާބޯޓަކުން ދަތުރުކުރި ބައެއްކަމަށާއި އެ އުޅަނދުން ދެން ދަތުރުކުރި 35 މީހުންނަށް ބަލި ނުޖެހޭކަން ޔަޤީންކުރެވިފައިވާކަމަށެވެ.

މެލޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެންމެ ފުރަތަމަ އޮމިކްރޯން ޖެހިފައިވާ މީހެއް ފެނިފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ. އެ ވުޒާރާއިން ބުނެފައިވަނީ އެ މީހަކީ އޮމިކްރޯން އެންމެ ފުރަތަމަ ފެތުރެން ފެށުނު ދެކުނު އެފްރިކާއިން ދަތުކުރި މީހެއްކަމަށެވެ.

އޮމިކްރޯން ފެތުރޭތީ މެލޭޝިޔާގައި އަޅަން ނިންމި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމާއި ޙަފުލާތައް ބޭއްވުން މަނާކުރުމާއި ކޯވިޑް-19ގެ ބޫސްޓަރު ޑޯސް ޖެހުން ހިމެނެއެވެ. އެ ގޮތުން މެލޭޝިޔާގައި ބޫސްޓަރު ޑޯސް ޖަހަން އަންގާފައިވަނީ ޢުމުރުން 60 އަހަރުން މަތީގެ މީހުންނާއި ސިނޮވެކް ވެކްސިންގެ ޑޯސްތައް ޖަހާފައިވާ މީހުންނަށެވެ. އެ މީހުން އަންނަ ފެބުރުއަރީ މަސް ނިމުމުގެ ކުރިން ބޫސްޓަރު ޑޯސް ޖަހަންވަނީ އަންގައިފައެވެ. އަވަށްޓެރި ސިންގަޕޫރުގައިވެސް އެފަދަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާނެކަމަށް ބެލެވެއެވެ.

މެލޭޝިޔާއިންވަނީ 8 ޤައުމަކުން ދަތުރުކުރާ މީހުންނަށް އެ ޤައުމަށް އެތެރެނުވެވޭނެކަމަށް ކަނޑައަޅައިފައެވެ. އޭގެ އިތުރުން 9 ޤައުމަކުން އަންނަ މީހުން ވެކްސިން ޖަހާފައިވީ ނަމަވެސް ކަރަންޓީނުވާން ޖެހޭނެކަމަށް މެލޭޝިޔާއިންވަނީ ކަނޑައަޅައިފައެވެ.