ކުޅިވަރު

މުބާރާތް ބާއްވާ ގައުމު ގަތަރު ކަޓުވާލާ ޓިއުނޭޝިޔާ އާއި އަލްޖީރިޔާ ފައިނަލަށް


މިހާރު ގަތުރުގައި ކުރިޔަށްދާ އަރަބިކަޕުގެ ފައިނަލަށް ޓިއުނޭޝިޔާ އާއި އަލްޖީރިޔާ ދަތުރުކޮށްފިއެވެ. މުބާރާތުގެ ފައިނަލުން ޓިއުނޭޝިޔާ ދަތުރުކުރީ މިސްރު 1-0 ލަނޑުން ބަލިކުރުމަށްފަހުއެވެ.

މެޗުގެ ހަމައެކަނި ލަނޑުން ޓިއުނޭޝިޔާއިން ކާމިޔާބުކުރީ އިތުރުވަގުތުގައި މިސްރުގެ ކެޕްޓަން އަމްރު އެލް ސޮލެޔާ ދިފާއުކުރަން މަސައްކަތްކުރި ބޯޅަ ގޯލަށް ވަނުމުންނެވެ. ރޭގެ މެޗު ކުޅެފައިވަ އަންނަ އަހަރު ވޯލްޑްކަޕު ކުޅުމަށްޓަކައި ތައްޔާރު ކުރި އެއް ސްޓޭޑިއަމް ކަމަށްވާ ދޯހާގެ ނައިން ސެވަންފޯ ސްޓޭޑިއަމްގައެވެ. މެޗުގައި ފުރަތަމަ ހާފުގައި މިސްރުގެ އަހުމަދު ހެގާޒީ ފޮނުވާލި ބާރު ހަމަލާއެއް ޓިއުނޭޝިޔާގެ ކީޕަރު މުއޭޒް ހަސަން ވަނީ ދިފާއުކޮށްފައެވެ.

މުބާރާތުގެ ކުރިން މިސްރުން ވަނީ އެޓީމުގެ ކޯޗަކަށް ޔޫރަޕުގެ ތަޖުރިބާކާރު ކޯޗު ކާލޯޒް ކުއިރޯޒް އައްޔަންކޮށްފައެވެ. ރޭ މުބާރާތުގެ ހޮޓް ފޭވަރިޓުން ގަތަރު ވަނީ އަލްޖީރިޔާ އަތުން ބަލިވެފައެވެ. ފައިނަލުގެ ފަހު ޖާގަ އަލްޖީރިޔާ ޔަގީން ކުރީ ގަތަރު މައްޗަށް 2-1 ލަނޑުން ކުރިހޯދައިގެންނެވެ. ޖަމާލް ބެންލަމާރީ ޖެހި ލަނޑުން އަލްޖީރިޔާއިން ލީޑު ނެގިއިރު ގަތަރުން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައި ގާނާއަށް އުފަން މަހުމޫދު މުންތާރީ ކާމިޔާބުކުރި ލަނޑުންނެވެ.

ގަތަރުގެ އުންމީދުތައް ފެނަށްދިޔައީ މެޗުގެ އިތުރުވަގުތުގައި ދެއްކި 17 މިނިޓުގެ ތެރޭގައި އަލްޖީރިޔާއަށް ލިބުނު ޕެނެލްޓީންނެވެ. ޕެނެލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް ޔޫސެފް ބެލައިލީ ވަނީ ދެވަނަ ފަހަރަށް ބޯޅަ ގޯލަށްވައްދާލައި މުބާރާތުގެ ފައިނަލަށް އަލްޖީރާގެ ޖާގަ ޔަގީންކޮށްދީފައެވެ. ރޭގެ މެޗު ބެލުމަށް ގަތުރުގެ އަލް ތުމާމާ ސްޓޭޑިއަމަށް ވަނީ 40،000 ސަޕޯޓަރުން ދަނޑަށް ވަނީ ކުޅިބަލަން ވަދެފައެވެ.

ފީފާއިން އިންތިޒާމުކޮށްގެން މިފަހަރުގެ މުބާރާތް ބޭއްވީ ކޮންފެޑެރޭޝަން ކަޕުގެ ބަދަލުގައި އަންނަ އަހަރު އޮންނަ ވޯލްޑްކަޕުގެ ކުރިން މުބާރާތް ބާއްވާ ސްޓޭޑިއަމްތައް ތައްޔާރުވުންތައް ބެލުމަށެވެ.