ކުޅިވަރު

ޕްރިމިއަރ ލީގުން ކޮވިޑް ފިޔަވަޅުތައް ވަރުގަދަކޮށްފި


ކޮވިޑް-19ގެ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން އެ ބަލި ފެތުރުން އިތުރުވެފައިވާތީ، އިނގިރޭސި ޕްރިމިއާ ލީގުން ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

މެންޗެސްޓާ ޔުނައިޓަޑާއި ޓޮޓްނަމް ހޮޓްސްޕާ ޓީމުގެ ތެރޭގައި ކޮވިޑް ކޭސްތަކެއް ފެނި، އެ ދެ ކްލަބު ކުޅެން އޮތް މެޗުތަކެއް ވަނީ ފަސްކޮށްފައެވެ. މީގެ އިތުރުން ބްރައިޓަން، އެސްޓަން ވިލާ، ލެސްޓާ ސިޓީ އަދި ނޯވިޗްގެ ޓީމުން ވެސް ވަނީ ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް ފެނިފައެވެ. ރޭގައި ވަޓްފޯޑުން ކޮވިޑް ކޭސްތަކެއް ފެނިފަވާތީ ބާންލީއާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ވަނީ ފަސްކޮށްފައެވެ. އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ޕްރިމިއާ ލީގަށް ވެސް ވަނީ އޭގެ އަސަރުކޮށްފައެވެ.

ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުގެ ކްލަބުތަކުން 42 މީހެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ ޕްރިމިއާ ލީގުން ކޮވިޑް ޓެސްޓްކުރަން ފެށި ފަހުން، ހަފުތާއެއްގެ ތެރޭގައި ޕްރިމިއާ ލީގުން އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ފަހަރެވެ. އިންގްލެންޑުން ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތައް ޖުލައި މަހު އުވާލުމާއެކު، ޕްރިމިއާ ލީގުގެ ކްލަބުތަކުން ވަނީ ދަނޑަށް މީހުން ވައްދަން ފަށައިފައެވެ. އެހެން ނަމަވެސް، އިނގިރޭސި ސަރުކާރުގެ ނިންމުމަކާ ގުޅިގެން، ބުދަ ދުވަހުން ފެށިގެން ޕްރިމިއާ ލީގުގެ މެޗުތަކަށް ވަދެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓެއް ނުވަތަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރިކަމުގެ ލިޔުމަކާއެކުއެވެ.

ޕްރިމިއާ ލީގުގެ ކްލަބުތަކުގައި ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން، ޕްރިމިއާ ލީގުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ކްލަބުގެ ޓްރެއިނިންއަށް ވެސް ކުޅުންތެރިން އަންނައިރު ކުޅުންތެރިންނާއި އޮފިޝަލުން ވެސް ކޮވިޑް ޓެސްޓް ކުރުމެވެ. މީގެ އިތުރުން މާސް އެޅުމާއި، ގައިދުރުކުރުމުގެ ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފައެވެ.