ޚަބަރު

ޖަވާބުދާރީވުމަށް އޭސީސީގެ މެންބަރުންނަށް 5 ދުވަހުގެ މުއްދަތެއް


އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުން ވަކިކުރުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ހުރިހާ މެމްބަރުން ވަކިކުރަން ނިންމައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން ދިރާސާކުރަން އެ ކޮމިޓީއަށް ފޮނުވައިވާފައެވެ.

މިކަމާއި ގުޅިގެން ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ބަހުސްކުރެއްވީ ދެ ކަމަކަށެވެ. އެއީ ޕަފޯމަންސް އޮޑިޓުން އޭސީސީގެ މެންބަރުންނަށް ޤާނޫނުގައި ބުނާ މިންވަރަށް އަދި ކޮމިޓީގައި އެކޮމިޝަނުގެ މެންބަރުން އެއްބަސްވެފައިވާ މިންވަރަށް ޕަފޯމަންސް ދެއްކިފައި ނުވާތީ އިތުރު ފުރުޞަތެއް ނުދީ މެންބަރުކަމުން ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް އެނިންމުން ފޮނުވުމެވެ.

ނަމަވެސް ކޮމިޓީގެ ގިނަ މެންބަރުން ބުރަވީ އޭސީސީގައި މިވަގުތު ތިއްބެވި މެންބަރުންނަށް ޖަވާބުދާރީވުމަށް ފުރުސަތެއް ދިނުމަށްފަހު ކޮމިޓީގެ ނިންމުން ތަޅުމަށް ފޮނުވުމަށެވެ. އެއީ މީގެކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުރި މުޙައްމަދު ފަޙުމީ ޙަސަން ޖަވާބުދާރީވާން ފުރުސަތުނުދީ ކޮމިޝަނުން ވަކިކުުރުމަށް ނިންމުމުން ސްޕްރީމް ކޯޓުންވަނީ ބާތިލުކޮށް ޖަވާބުދާރީވާން ފުރުސަތެއް ދިނުމަށް އަންގާފައެވެ.

އެހެންކަމުން ގަމު ދާއިރާގެ މެންބަރު ހުށަހެޅި ގޮތަށް ކޮމިޓީގެ ފަސް މެންބަރުންގެ ތާޢިދާއެކު ނިންމީ އޭސީސީގެ މިހާރުގެ ތިއްބެވި މެންބަރުންނަށް ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

މިކަމާއި ގުޅޭގޮތުން ކޮމިޓީގެ ގިނަ މެންބަރުންގެ ވިސްނުން ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ހުރިނަމަވެސް ބައެއް މެމްބަރުން ވަނީ އޭސީސީގެ މެންބަރުން ވިދާޅުވީ ދުވަހަށް މައްސަަލަތައް ނިންމިފައިނުވާތީ ކޮމިޓީއަށް ހާޒިރުކޮށްގެން ދެން އިތުރަށް މައްސަލަ ބެލުމުގެ ބޭނުމެއް ނެތްކަމަށް ވިދާޅުވެފައެވެ.

މިއީ ޕާފޯމަންސް އޮޑިޓަކާއި ގުޅިގެން މިނިވަން މުއައްސަސާއެއްގެ ހުރިހާ މެންބަރުން ވަކިކުރަން ނިންމި ފުރަތަމަ ފަހަރުކަމަށްވުމުން މިކަން ކުރަންވާނީ ކުރިއަށް އޮތްތަނުގައި މިފަދަގޮތަކަށް މެންބަރުން ވަކިކުރާނަމަ އެކަންކުރަންވާނެ އެންމެހާ ރަނގަޅު އުސޫލުތަކުގެ މަތިންކަން މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ޢާދަމް ވިދާޅުވީ ޖަވާބުދާރީވުމަށް އޭސީސީގެ މެންބަރުންނަށް ފޮނުވާ ސިޓީގައި ކުރިން އޭސީސީގެ މެންބަރުން ކޮމިޓީއަށް ދެއްވާފައިވާ ޖަވާބާއި އެކަންކަން ނުކުރެވިހުރިކަން ފާހަގަކުރައްވާފައިވާނޭކަމަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށް އެކޮމިޝަނުގެ ހިމެނޭ އިބްރާހީމް ޝަކީލް އާއި އަލީ އަޝްރަފް ވަނީ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ.

އެހެންކަމުން އެކޮމިޝަނުގައި މިވަގުތު ތިއްބެވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ އެވެ. މިވަގުތު ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ހުންނެވީ ޗުއްޓީގައެވެ.