ޚަބަރު

ކުނިން އާމްދަނީ ނެރެވޭނެކަން ދައްކައިދިނުމަށް ބ.އަތޮޅު ކައުންސިލުން ތައްޔާރުވަނީ


ކުނީގެ މައްސަލައަކީ މިހާތަނަށް އައިއިރު ހައްލު ނުކުރެވި އޮތް ބޮޑު އެއް މައްސަލައެވެ. އަބަދުހެން އިވޭ އަޑަކީ ރިސޯޓްތަކުން މޫދައް ކުނި އަޅާ ވާކަހަޔާ ބޮޑެތި އާބާދީ އޮންނަ ރަށްރަށުގައި ކުނިފުނި ގިނަވެ ބޭރު ކުރުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކައެވެ. މިކަން ހައްލު ކުރުމަށް ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް ކުރާ އިރު ރަށްރަށުގެ ކައުންސިލްތަކުންވެސް މިކަމަށްޓަކައި ބުރަމަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ކުނީގެ މައްސަލަ ހައްލު ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ހާމަވެގެންދަނީ އާބާދީގެ ގޮތުން އެންމެ މަދުން މީހުން ދިރިއުޅޭ ރަށްތަކުގައިވެސް މިކަމަށް އެދެވޭ ހައްލެއް އަދި މިހާތަނަށް ހޯދިފައެއްނެތުމުންނެވެ. ރަށުގެ ހޭޅިފަށާ މޫދަށާ ކުނި އެޅުމަކީ ރާއްޖޭގައި އާންމުކަމެކެވެ. ބައެއް މީހުން ގަބޫލް ކުރަނީ ކުނި އެޅުމަށް މިނޫން ތަނެއް ނެތްކަމަށެވެ.

ކުންޏާ ބެހޭ ޤާނޫނުގެ ދަށުން އަމަލުކުރުމަށް ހަދާފައިވާ ޤަވާއިދުގައި ބުނާގޮތުން 2022 ވަނަ އަހަރުގެ ޖަނަވަރީ 1 ން ފެށިގެން މޫދަށް އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ މަނާކަމެކެވެ. މިސަބަބާ ހުރެ ކުނިން އާމްދަނީ ނެރެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ބ.އަތޮޅު ކައުންސިލުން ވަނީ ފަށާފައެވެ. މޫދަށް ކުނި އެޅުމާ ކުނި އެންދުން ހުއްޓާލުމަށް ބ.އަތޮޅު ކައުންސިލުން މުޅި ރާއްޖެއަށް ނަމޫނާ ދެއްކުމަށް ތައްޔާރު ވަމުން އަންނައިރު އެންމެ ބޮޑު އަމާޒެއް ހިފާފައިހުރީ ބަދިގޭގައި ބޭނުންކޮށް އުކާލާ ކުނި ނުވަތަ މުނިސިޕަލް ކުނި ބޭނުންކޮށްގެން ބަޔޯ ގޭސް ނުވަތަ ކެއްކުމަށް ބޭނުންކުރާ ގޭސް އުފެއްދުމަށެވެ. މިކަމަށް ވަމުންގެންދާ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެއަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާހް ވިދާޅުވީ މިކަން ކާމިޔާބުކުރުމަކީ ކައުންސިލުން އެންމެ ބޮޑު އަމާޒެއް ހިފާ އެއްކަންކަމަށެވެ. އެއީ ކައުންސިލްގެ މާލީ ހާލަތު ރަނގަޅު ވާނެކަމެއްކަމަށްވެސް އަފްރާޙް ވިދާޅުވިއެވެ.

"މިހާރު ކުރަމުން މިދަނީ މިކަމަށް ބޭނުންވާ މައުލޫމާތާއި ފަންޑް ހޯދުމުގެ މަސައްކަތް. ކައުންސިލްގައިވެސް އެބަހުރި މަސައްކަތް ފެށޭވަރަށް އާމްދަނީ އެހެން ނަމަވެސް ދެމެހެއްޓެނިގޮތެއްގައި ކުރާނަމަ މިކަމަށް އަތޮޅުގެ ރިސޯޓްތަކުން އެޙީތެރިކަން ބޭނުންވާނެ" އަޙްމަދު އަފްރާޙް ވިދާޅުވިއެވެ.

އަފްރާޙް ވިދާޅުވީ މިހާރު ހަމަޖެހިފައި އޮތީ ރިސޯޓްތަކުން ކުނީގެ ގޮތުގައި އުކާލާ ތަކެތި ނަގާގޮތަށް ކަމަށެވެ. ނަމަވެސް މިމަސައްކަތް އިމްޕްލިމެންޓް ކުރާނެވަކި ތަނެއް އަދި ކަނޑަ ނޭޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްވެސް ކުންޏަކީ ބޭނުން ނުކުރެވޭނެއެއްޗެއް ނޫން. އެކަމަށް ބޭނުންވަނީ ރަނގަޅު ފަންޑެއް. ބ.އަތޮޅުގައި މިހާރުވެސް 17 ރިސޯޓް އެބައޮތް. އެފަރާތްތަކުން އެހީތެރިކަންދީފިނަމަ ކުނިން ނަފާ ނެރެވޭނެކަމާމެދު އެއްވެސް ޝައްކެއް ނުކުރަން" އަޙްމަދު އަފްރާޙް ވިދާޅުވިއެވެ.

ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލުން މަސައްކަތް ކުރާ އިރު މިކަމަކީ މިހާރުވެސް ބ.އަތޮޅުގައި ކުރަމުން އަންނަކަމެކެވެ. ބ.އަތޮޅު ސޮނޭވާފުށި ރިސޯޓުން ހަދާފައިވާ "ސޮނޭވާ ނަމޫނާ" ކިޔާ ޖަމްއިއްޔާއަކުން ކުރަމުންދާ މިމަސައްކަތުގެ ދަށުން އެއަތޮޅުގެ 7 ރަށެއްގައި އުފެދޭ ކުނި އަންނަނީ ރައްކާތެރިކަމާއެކު ބަންދުކޮށް ބޭރުކުރަމުންނެވެ. އެހެން ނަމަވެސް ބަދިގޭގައި ބޭނުން ކުރާ މުނިސިޕަލް ކުނި ނައްތާލުމުގައި އެމީހުންނަށްވެސް ގޮންޖެހުންތަކެއް ހުރެއެވެ. ބައެއް ރަށްޜަށުގައި މިބާވަތްތައް ބޭނުންކޮށްގެން ކާދު ނުވަތަ ގަސްކާނާ ހަދަމުން އާދެއެވެ.