ކުޅިވަރު

މިއީ ކުޅުންތެރިން ކުރި މަސައްކަތުގެ ނަތީޖާ: މޯހަން


އެފްއޭ ޗެރެޓީ ޝީލްޑީގައި ތަފާތު ބޮޑު ނަތިޖާއެއް ނެރެވުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށާއި އެއީ އެކަމުގެ ނަތީޖާކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް މޯހަން ބުނެފިއެވެ.

ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ މާޒިޔާ އިން ކުރި ޕްރެކްޓިސްތަކުގެ ނަތީޖާ މި މެޗުގައި ފެނިގެންދިޔަ ކަމަށެވެ. އަދި ކުޅުމަށް ބޭނުންވާ ބަދަލުތައް ގެންނަން ބަލާއިރު، މިއީ ފެށުމެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށް މޯހަން ބުންޏެވެ. މި ސީޒަނުގައި މާޒިޔާއާ ދެކޮޅަށް ކުޅެން ޓީމުތަކުން ވަރުގަދައަށް ތައްޔާރުވާނެ ކަމަށް ބެލެވޭ ކަމަށް މާޒިޔާގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ.

"ބޯޅަ އަތުގައި އޮންނައިރު ގެއްލުވާނުލައި ނުޖަހައި ކޮންޓްރޯލް ކޮށްގެން މެޗެއް ކުޅެން މަސައްކަތް ކުރިތަން ފެނިގެންދިޔަ. ޕާސްތަކާއި މޫވްމަންޓް ރަނގަޅުކަން ވެސް ފާހަގަކުރެވުނު. މި ކާމިޔާބު ލިބިގެން ދިޔައީ ކުރެވުނު މަސައްކަތަށް. ކުޅުންތެރިން ކުރި މަސައްކަތުގެ ނަތީޖާއޭ ދަންނަވަން ޖެހޭނީ،" މެޗަށްފަހު މޯހަން ބުންޏެވެ.

މޯހަން ބުނީ ރޭގެ މެޗުގައި އެ ދެއްކުނު ކުޅުމުގެ އެންމެ މުހިއްމު ކަމަކީ ލިބުނު މުއްދަތާ ބަލާއިރު ކުޅުންތެރިން ކުރި ރަނގަޅު މަސައްކަތް ކަަމަށެވެ. މާޒިޔާއިން މި ވަނީ މި ފަހަރުގެ ޝީލްޑް އުފުލާލައި ޗެރިޓީ ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ޓީމުގެ ރެކޯޑް ހަދައިފައެވެ. މިދިޔަ ސީޒަނުގައި މާޒިޔާ ޝީލްޑް މެޗުގައި އީގަލްސް އަތުން ބަލިވިއިރު، އެ ޓީމުގެ ކޯޗަކަށް ހުރި މޯހަން މި ފަހަރު މި ވަނީ މާޒިޔާ އަށް ޝީލްޑް ހޯދައިދީފައެވެ.

މޯހަން އަކީ ތަފާތު ދެ ޓީމެއްގައި ހުރެ ދެ ސީޒަނެއްގައި ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ކޯޗެވެ.