ޚަބަރު

ޤުރުއާނުގެ އާޔަތްތައް އުނިކުރުމާއި ގުޅޭގޮތުން އާއްމުވެގެން އުޅެނީ ބާތިލުކޮށްފައިވާ ސިޓީއެއް


ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް މަޝްވަރާ ކުރެވުނުނަމަވެސް އެއީ ދަރިވަރުންނަށް ދަތި ކަމަކަށް ވާނެތީ އެކަން ނުކުރުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އޭޑިއުކޭޝަން މިނިސްޓްރީން މިކަން ހާމަކުރެއްވީ ޤުރުއާނާއި، އިސްލާމް ފޮތްތަކުގައި ހުރި އާޔަތްތައް އުނިކުރަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޚަބަރާއި ގުޅޭގޮތުން ނެރުއްވި ބާޔާނެއްގައެވެ.

މި ބަޔާނުގައި މިނިސްޓްރީން ވިދާޅުވީ އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށް ހުރިކަން ފާހަގަކުރެވި، އެކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް (ރިފަރެންސް ދިނުމަށް) މަޝްވަރާކުރެވުނުކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ނެޝަނަލް އިންސްޓިޓިއުޓް އޮފް މޯލްޑިވްސްއަށް ސިޓީއެއް ފޮނުވާފައިވާކަމަށްވެސް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެގޮތަށް މަޝްވަރާކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫން ކަމަށެވެ. އަދި އެއީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި ފޮތްތައް ނައްތާލާއިރު ޤުރުއާންގެ ޢާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު ޢަމަލުކުރެވޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާތީކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ އައްމާފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެތީ އެ ސިޓީއަށް ޢަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު ނެޝަނަލް އިންސްޓިޓިއުޓް އޮފް މޯލްޑިވްސްއަށް އަންގާފައިވާނެކަމަށް މިބަޔާނުގައި މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި ލިޔުމުން ކުރިން ފޮނުވުނު ސިޓީ ފަހުން ވަނީ ބާތިލްވެސް ކޮށްފައިކަމަށާއި، މިނިސްޓްރީން ނިންމާފައި ވަނީ އިސްލާމް ފޮތާއި ޤުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫފް ރީޑިންގ ވަރުގަދަ ކުރުމަށްކަމަށްވެސް މި ބަޔާނުގައިވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މިފަހަރު ފޮތްތައް ޗާޕުކުރަން ފޮނުވާއިރު ކަންތައް އިސްލާހުވެފައިވާކަން ކަށަވަރު ކުރުމަށްވެސް ނެޝަނަލް އިންސްޓިޓިއުޓް އޮފް މޯލްޑިވްސްއަށް އަންގާފައިވާކަމަށާއި، މީގެ ދުވަސްކޮޅެއް ކުރިން މިކަމާއި ގުޅޭގޮތުން މީޑިއާތަކުން ސުވާލުކުރުމުންވެސް ޤުރުއާންގެ އާޔަތްތައް އެފޮތްތަކުން އުނި ނުކުރާނެކަމަށް ދަންވަވާފައިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އަދި މިކަމުގައި މިނިސްޓްރީން ޢަމަލުކުރަން ނިންމާފައިވާ ގޮތްވެސް ހިއްސާކޮށްފައިވާއިރު، މިކަމާއި ގުޅިގެން ފެތުރުނު ޚަބަރުތަކާއި ގުޅިގެން ބެލެނިވެރީންގެ ހިތުގައި އުފެދުނު ނުތަނަސްކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ މައާފަށް އެދިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް ދީނީ ލޯބި އަށަގެންނެވުމަށްކަމަށެވެ.