ކުޅިވަރު

މާޒިޔާއިން ޗެރެޓީ ޝީލްޑް ކާމިޔާބުކުރުމުގެ ރެކޯޑެއް


އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ރޭ ކްލަބް ވެލެންސިއާ އަތުން 5-0 އިން މޮޅުވެ، މާޒިޔާ އިން އެންމެ ގިނަ ފަހަރު ޝީލްޑް ކާމިޔާބުކުރި ޓީމުގެ ޝަރަފް ހޯދައިފިއެވެ.

މާޒިޔާ އިން މެޗު ފެށީ ވަރަށް ރަނގަޅަށެވެ. އެ ޓީމުން ވަނީ މެޗުގެ ހަތަރު ވަނަ މިނިޓްގައި ލީޑުނަގައިފައެވެ. އިބްރާހީމް ވަހީދު ހަސަން (އިއްބެ) އޭރިއާތެރެއިން ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އިބްރާހީމް އައިސަމް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. މާޒިޔާ އިން މެޗުގެ 15 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖެހިއެވެ. ކޮނޭލިއަސް ސްޓެވާޓް ހުސްކޮށްލާފައި ދިން ބޯޅަ އިއްބެ ފުރަތަމަ ފޮނުވާލުމުން ޖެހުނީ ހުރަސްދަނޑީގައެވެ. ދެ ވަނަ ފަހަރު ބޯޅަ ލިބުމުން އިއްބެ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. ފުރަތަމަ ހާފުގައި ވެލެންސިއާ އަށް ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތު ލިބުނީ ޒާން އަށެވެ.

މާޒިޔާ އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ގޯލެއް ޖެހިއެވެ. މިއީ ވެލެންސިއާ ގޯލުގައި ހުރި ޤައުމީ ޓީމުގެ ކީޕަރު މުޙައްމަދު ފައިސަލް ހެދި ގޯހެއްގެ ފައިދާނަަަގައި ކޯނޭ ޖެހި ގޯލެކެވެ. ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ 15 މިނިޓް ތެރޭ މާޒިޔާ އިން އިތުރު ދެ ގޯލު ޖެހިއެވެ. ކޯނޭ އަށް ސީޒަން ކުރި ފައުލަކަށް ދިން ޕެނަލްޓީން ހަމްޕު ވަނީ މާޒިޔާގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ. އަދި އޭގެ ފަހުން ހަމްޕު ހުސްކޮށްލާފައި ދިން ބޯޅައަކުން ހުސެއިން ނިހާން (ނިހާޓް) ވަނީ މާޒިޔާގެ ފަސް ވަނަ ގޯލު ޖަހައިފައެވެ.

ވެލެންސިއާ އިން ދެ ވަނަ ހާފުގައި ފޮނުވާލި އެންމެ ރަނގަޅު ހަމަލާ އުފެއްދީ މެޗުގެ ފަހު މިނިޓްގައެވެ. ހިލޭ ޖެހުމަކުން ސެންޓޭ ޖެހި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފައެވެ. 2009 ވަނަ އަހަރު ފެށި އެފްއޭ ޗެރިޓީ ޝީލްޑް މެޗު އެންމެ ފުރަތަމަ ކާމިޔާބުކުރީ ވެެލެންސިއާ އިންނެވެ. މިހާތަނަށް ޝީލްޑް މެޗު 12 ފަހަރު ކުޅުނުއިރު، މާޒިޔާ އިން ހަތަރު ފަހަރު ކާމިޔާބުކުރިއެވެ. މާޒިޔާ އިން ޝީލްޑް އުފުލާލީ 2015، 2016، 2017 އަދި 2021 އެވެ. ރޭގެ މެޗަކީ ޝީލްޑް މެޗެއްގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ ވަނީ ޝީލްޑް މެޗުން ބަލިވެފައެވެ. އެއީ އީގަލްސް އަތުން 3-2 އިންނެވެ. އޭރު އީގަލްސްގެ ކޯޗަކަށް ހުރި މުޙައްމަދު ޝިޔާޒް (މޯހަން) މިހާރު ހުރީ މާޒިޔާއާ ހަވާލުވެއެވެ. މޯހަން އަކީ ޖެހިޖެހިގެން ދެ ސީޒަނުގައި ތަފާތު ދެ ޓީމުގައި ހުރެ ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ކޯޗެވެ.

ޝީލްޑް މެޗުން ފައިސާގެ އިނާމް ދީފައިވަނީ ޓައިނީ ހާޓްސް އާއި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ. ކޮންމެ ޖަމިއްޔާ އަކަށް 50،000 ރުފިޔާ ވަނީ ދީފައެވެ.