ޚަބަރު

ޑްރަގު ފެނުނު ކާރުން ދިޔަ މީހާ އާ ގުޅޭ ހެކިތަކެއް


ހުޅުމާލޭގައި އޮތް ކާރެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 14 ދުވަސް އިތުރުކޮށްދީފިއެވެ.

މިދިޔަ ހޯމަދުވަހު ހުޅުމާލޭގައި ދުއްވާދިޔަ ކާރެއް ހުއްޓުވާ އެ ކާރުން 91 ޕެކެޓް މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެކާރުގައި ދަތުރުކުރި އަޙްމަދު މުޖާހިދެވެ. އެދުވަހު ކޯޓުން މީނާގެ ބަންދަށް ޖަހާދިނީ އެއްދުވަހެވެ. އެ މުއްދަތު ހަމަވާތީ އިއްޔެ މީނާ ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 14 ދުވަސް އިތުރުކޮށްދީފައެވެ. ފުލުހުންވަނީ މީނާއާއި ދެކޮޅަށް މުހިއްމު ބައެއް ހެކިތައް ހުށައަޅާފައެވެ.

އޭގެތެރެއިން އެއް ހެއްކަކީ ކާރުގެ ތެރެއިން ފެނުނު މުޖާހިދުގެ ދަރިފުޅުގެ ވަރަށް ފަހުގެ ލިޔެކިޔުންތަކެކެވެ. މައްސަލަ ބެއްލެވި ގާޒީ ނިންމެވި ނިމްމެވުމުގައި ވަނީ ކުއްޖާއާއި ގުޅޭ މުހިއްމު އަދި ވަރަށް ފަހުގެ ތާރީހެއްގައި ތައްޔާރުކޮށްފައިވާ އެ ލިޔުންތަކަކީ އެ ކުއްޖާގެ ބެލެނިވެރިން ފިޔަވައި އިތުރު ބައެއްގެ އަތުގައި އޮތުން ނާދިރުކަމެއްކަމަށް ބެލެވޭ ލިޔުންތަކެއްކަމަށެވެ. އެހެންކަމުން މަސްތުވާތަކެތި ފެނުނު ކާރާ ތުހުމަތުކުރެވޭ މުޖާހިދާ ގުޅުން ހުރިކަން ކޯޓުގެ އަމުރުގައިވަނީ ފާހަގަކޮށްފައެވެ.

މި ލިޔުންތަކުގެ އިތުރުން ފުލުހުންވަނީ މަސްތުވާތަކެތި ފެނުނު ކާރުގައި މުޖާހިދު ދަތުރުކުރިކަމާއި ދަތުރުކުރިގޮތް ދައްކައިދޭގޮތަށް އިންޓެލިޖެންސުން ނަގާފައިވާ ސްނެޕްޝޮޓްތަކާއި، މިނާގެ ހަރަކާތްތައް ދައްކުވައިދޭ ފުލުހުންގެ އިންޓެލިޖެންސުން ނަގާފައިވާ ސްނެޕްޝޮޓްތަކެއްވެސް ހެކީގެ ގޮތުގައި ހުށައަޅާފައެވެ.

މީގެއިތުރުން މިނާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ހުޅުމާލެއަށް ދިޔަކަމަށާއި މިކަން ހިންގާފައިވަނީ ގިނަ ބައެއް ގުޅިގެން ނެޓްވޯކެއްގެ ތެރެއިންކަމަށްވެސް ފުލުހުން މުޖާހިދުގެ މައްޗަށް ކުރާ ތުހުމަތުތަކުގައިވެއެވެ.

މިދޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 119 ކިލޯގެ ހިރޮއިން ވަނީ އަތުލައިގެނަފއެވެ. މީގެތެރެއިން 28 ޕެކެޓް އަތުލައިގަތީ މިދިޔަ އާދިއްތަދުވަހުގެރޭ މާލެގައި ދުއްވާފައި ދިޔަ ޓެކްސީއެއްގެ ތެރެއިންނެވެ.

މަސްތުވާތަކެއްޗާއި ދެކޮލަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށްވަނީ 400 ކިލޯއަށްވުރެ ގިނަ ޑުރަގްސް އަތުލައިގެންފައެވެ. އަދި ކަމާއި ގުޅޭ ނެޓްވޯކްތައްވެސް ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެހެންމަވެސް މި މައްސަލަތަކުގައި ހެކި ނެތްކަމަށް ބުނެ މިކަމުގައި ހިމެނުނުކަމަށް ބެލެވޭ ގިނަ ބަޔަކުވަނީ ކޯޓު މަރުހަލާއިން މިނިވަންވެފައެވެ.