ޚަބަރު

ޓެރަރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމަށް ފުލުހުންނަށް ބޮޑެތި ބާރުތަކެއް


ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ގެނައި އިޞްލާހުތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވައިފިއެވެ. ޓެރަރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމަށް ޤާނޫނަށް ގެނައި އިޞްލާހުތައް މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 29 ވަނަދުވަހުއެވެ. މި ބިލް މަޖލީހުން ފާސްކުރީ 51 މެބްރުންގެ ވޯޓުންނެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ގެނައި އިޞްލާހުތައް މަޖިލީހުން ފާސްކޮށްފައިވަނީ ގާތްގަޑަކަށް 4 މަސްދުވަހު އެ ބިލް ދިރާސާކުރެއްވުމަށްފަހުއެވެ. ޤާނޫނަށް ގެނައި ބަދަލުތަކުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ވަނީ މުހިއްމު ބާރުތަކެއް ދީފައެވެ. މިގޮތުން ޓެރަރިޒަމްގެ ކުށެއް ކޮށްފި ހިނދެއްގައި، އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތެއް، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. މީގެއިތުރުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތައްވެސް ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު މިހާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި މިގޮތަށް ހައްޔަރުކުރެވޭ މީހަކު، ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރުވެސް ފުލުހުންނަށް ވަނީ އައު އިޞްލާހުން ލިބިދީފައެވެ.

މި ޤާނޫނުގެ ދަށުން ހައްޔަރުކުރި މީހަކު ހައްޔަރުކުރީ އޭނާގެ އަމިއްލަ ތަނެއްގައި ހުއްޓާނަމަ އެތަން ބަލައި ފާސްކުރުމުގެ ބާރުވެސް ފުލުހުންނަށް ލިބެއެވެ. އެހެންނަމަވެސް އެފަދައިން ހިންގާ ބަލައި ފާސްކުރުމެއް، 6 ގަޑިއިރަށްވުރެ އިތުރުވެގެންނުވާނެކަމަށް ޤާނޫނުގައިވަނީ ބުނެފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ގެނައި އިޞްލާހުގައި ވާގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވި މީހަކު ރާއްޖެ އައުމާއެކު، އެމީހަކާއި ގުޅޭ އިންޓެލިޖެންސް ޑީ -ބްރީފިން އެއް ފުލުހުން ހަދަންޖެހޭނެއެވެ. އަދި ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހިރައްޔިތުންނަށް އުފަންވެފައިވާ ކުދިންގެ އުފަންވުން، ކަމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ރާއްޖޭގައި
ރަޖިސްޓަރީކޮށްފައިނުވާނަމަ، އެކުދިން ރާއްޖެއަށް އަނބުރާ އައުމުގެ ކުރިން، އެކުދިންގެ އުފަންވުން ރާއްޖޭގައި ރަޖިސްޓަރީ ކުރަންޖެހެނޭކަމަށްވެސް ޤާނޫނުގައިވެއެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހަކީ ޓެރަރިޒަމްގެ ޢަމަލެއް ކުރިކަމަށް ނުވަތަ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތެއް ކަމުގައިނުވިނަމަވެސް، އެފަދަ ފަރާތަކީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތެއް ކަމުގައި ބަލައި، އެފަރާތެއް މުޖުތަމަޢަށް އަނބުރާ ރުޖޫޢަވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ރީހެބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ޕްރޮގްރާމްތައް ފުރިހަމަކުރުމަށާއި، އެފަރާތް އަނބުރާ މުޖުތަމަޢަށް ރުޖޫޢަވުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، އިދާރީ ބަންދެއްގައި ބެހެއްޓުމުގެ ބާރުވެސް ޤާނޫނުން ވަނީ ހޯމް މިނިސްޓަރަށް ދީފައެވެ. އަދި މިފަދަ މީހުން ބަންދުކުރުމަށް ފިރިހެނުންނަށް ޚާއްޞަ ބަންދުގެ މަރުކަޒަކާއި އަންހެނުންނަށް ޚާއްޞަ ބަންދުގެ މަރުކަޒަކާއި
ކުޑަކުދިންނަށް ޚާއްޞަ ބަންދުގެ މަރުކަޒެއްވެސް ހަދަން މިޤާނޫނު ލާޒިމުކުރެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ގެނައި އިޞްލާހުން ޓެރަރިޒަމްގެ މައްސަލަތަައް ތަޙްޤީޤު ކުރުމަށް ފުލުހުންނަށް ވަނީ 3 މަސްދުވަސް ދީފައެވެ. މީގެކުރިން މި ފަދަ މައްސަލަތަކުގެ ތަޙްޤީޤު 45 ދުވަހުގެ ތެރޭގައި ފުލުހުން ނިންމަންޖެހެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް މި ގެނައި އިޞްލާޙާއި ގުޅިގެން މި ޤާނޫނަށް ޢަމަލުކުރަންފަށާތާ 30 ދުވަސްތެރޭގައި، ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ރީހެބިލިޓޭޝަން އެންޑް ރީ-އިންޓަގްރޭޝަން ކޮމިޓީ، އެކުލަވާލަންޖެހެއެވެ. އަދި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަސްތެރޭގައި، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ