ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު މަރްހޫމް ހުސައިން ވަހީދަކީ ވިސްނުންތެރިކަމާއެކީގައި ވަރަށް ރަނގަޅު ލަފާދެއްވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަރްހޫމް ހުސައިން ވަހީދުގެ ހަނދާނުގައި މިއަދު މަޖިލީހުގެ އިދާރާގައި ހުޅުވި ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަރްހޫމް ހުސައިން ވަހީދަކީ މަޑުމައިތިރިކަމާއި، ކެތްތެރިކަމާ ވިސްނުންތެރިކަމާއެކީ މަސައްކަތް ކުރެއްވި ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. ހުސައިން ވަހީދާއެކު މަޖިލީހުގައި އެމަނިކުފާނު ހޭދަކުރެއްވި ދައުރަކީ މަޖިލީހުގެ ހަޔާތުގައި އެމަނިކުފާނު ހޭދަކުރެއްވި އެންމެ އުނދަގޫ އެއް ދުވަސްވަރު ކަމަށެވެ. އެދުވަސްވަރު ޑިމޮކްރަސީއަށް ކުރި މަސައްކަތުގެ ނަތީޖާ ހޯދުމަށް މަޖިލިސް ތެރޭގައި އުނދަގޫ ބުރަ މަސައްކަތެއް ކުރައްވަން ޖެހިވަޑައިގެންނެވިކަން ހާމަޖުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެދަތި އުނދަގޫ ދަނޑިވަޅުގައިވެސް ހުސައިން ވަހީދަކީ ވިސްނުންތެރިކަމާއެކީގައި ވަރަށް ރަނގަޅު ލަފާދެއްވި ބޭފުޅެއް ކަމަށެވެ. އަދި އޭގެފަހުން ވެރިކަން ބަދަލުވެ އިދިކޮޅުގައި މަސައްކަތް ކުރެއްވި ދުވަސްވަރުވެސް ވަރުބަލި ކަމެއް ނެތި ހުރިހާ ކަމެއްގައި ބައިވެރިވެ ވަޑައިގެން މަސައްކަތުގައި ދެމިހުންނެވި ކަމަށާއި އެއީ ހަނދާން ނެތޭނެ ދުވަސް ތަކެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
މަރްހޫމް ހުސައިން ވަހީދަކީ ހަމައެކަނި ސިޔާސީގޮތުން އެމަނިކުފާނާ ގާތް ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނަށް ގެއްލިގެން އެދިޔައީ ތެދުވެރި ހެޔޮއެދޭ ވަރަށް ގާތް އެކުވެެރިއެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަނދާނުން ފޮހެވިގެން ނުދާނެ އެތައް ކަމެެއް އެކުގައި ކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުސައިން ވަހީދުގެ ކުރު ހަޔާތް ހޭދަކުރެއްވީ ވަރަށް އުފާވެރިކޮށް ކަމަށެވެ. މަރްހޫމް ހުސައިން އަކީ ދިމާވާ ކޮންމެ ކަމެއްގައިވެސް ޕޮޒިޓިވްކޮށް ވިސްނަވާ އަބަދުވެސް ހިތްހަމަޖެހިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ކިތަންމެ ދަތި އުނދަގުލެއް ކުރިމަތިވެގެންދާ ވަގުތުގައިވެސް އެކަމުގެ ރަނގަޅު ގޮތް އޮންނާނެކަން ޤަބޫލްކުރައްވާ އެގޮތަށް މަސައްކަތް ކުރެއްވުމުގައި އަބަދުވެސް ހުންނެވި ބޭފުޅެއް ކަމަށް ރައީސްވިދާޅުވި.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ މަރްހޫމް ހުސައިން ވަހީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަރްހޫމް ހުސައިން ވަހީދަކީ މަޖިލީހުގައި ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ފިތުނަވެރިކަމާއި ހަސަދަވެރިކަމާއި ބައިބައިވުމާއި ނަފްރަތާ ނޭދެވޭ އަމަލުތަކަކީ މަރްހޫމް ހުސައިން ވަހީދާ އެންމެ ބީރަށްޓެހި އަމަލުތައް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވެފައިވަނީ ހޯމަދުވަހުގެރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައެވެ.
ހުސެއިން ވަހީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. ހުސައިން ވަހީދުގެ ކަށުނަމާދު ކުރުމާއި ފަސްދާނުލުން އޮތ އަންގާރަދުވަހުގެ މެންދުރު ނަމާދަށްފަހުއެވެ. ކަށު ނަމާދުގައާއި ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.