ޚަބަރު

އީރާނުގެ ނިޔުކްލިޔަރ އަދި މިސައިލް މަޝްރޫޢު ހުއްޓުވަން ޖެހޭ: ޢަރަބިން


އީރާނުގެ ނިޔުކްލިޔަރ އަދި މިސައިލް މަޝްރޫޢު ހުއްޓުވަން ޖެހޭކަމަށް ގަލްފުގެ ޢަރަބި ޤައުމުތަކުން ބުނެފިއެވެ.

ގަލްފުގެ ޢަރަބި ޤައުމުތަކުގެ އިސްވެރިން ސަޢުދީ ޢަރަބިއްޔާގައި ބައްދަލުކުރެއްވުމަށްފަހު ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢުގެ މަޝްވަރާތަކުގައި ގަލްފުގެ ޢަރަބި ޤައުމުތައް ބައިވެރިކުރަން ޖެހޭކަމަށާއި ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް އީރާނުން މުޙިއްމު ފިޔަވަޅިތަކެއް އަޅަން ޖެހޭކަމަށެވެ. ގަލްފުގެ ޢަރަބި ޤައުމުތަކުން ބުނެފައިވަނީ ނިޔުކްލިޔަރ މަޝްރޫޢުގެ މަޝްވަރާތައް ބޭއްވުމަށް އީރާނުން ލަސްކުރަމުންދާކަމަށާއި އެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށެވެ. އެ ޤައުމުތަކުން އެ މޭރުމުން ވާހަކަދައްކާފައިވަނީ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީ އިސްވެ އީރާނާ ގުޅުންބަދަހިކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އީރާނުގެ ނިޔުކްލިޔަރ މައްސަލަ ޙައްލުކުރުމަށް ސޮއިކޮށްފައިވާ އެއްބަސްވުމުން ވަކިވެފައެވެ. އެއާއެކު އީރާނުންވަނީ އަނެއްކާވެސް ނިޔުކްލިޔަރ ހަކަތަ އުފެއްދުމަށް ޔުރޭނިޔަން ފައްކާކުރަން ފަށައިފައެވެ. އިރާނުން ބުނެފައިވަނީ ނިޔުކްލިޔަރ ހަކަތަ އުފެއްދުން ހުއްޓާލާނީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުންކަމަށެވެ.

2015ވަނަ އަހަރު އީރާނުން ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތުގެ އިތުރުން ބައިވެރިވެފައިވަނީ ރަޝިޔާއާއި ޗައިނާއިންނާއި ވިލާތުގެ އިއްތިޙާދުންނެވެ.