ޚަބަރު

20 އަހަރު ފަހުން ޖަރުމަންވިލާތުގެ މަނަވަރެއް ދެކުނު ޗައިނާ ކަނޑަށް


ފާއިތުވި 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޖަރުމަންވިލާތުގެ މަނަވަރެއް ދެކުނު ޗައިނާ ކަނޑަށް ފޮނުވައިފިއެވެ.

ޖަރުމަންވިލާތުގެ މަނަވަރެއް ދެކުނު ޗައިނާ ކަނޑަށް ފޮނުވާފައިވަނީ ދުނިޔޭގައި ފުޅާވަމުންދާ ޗައިނާގެ ވާދަވެރިކަމާއި ބާރައި ދެކޮޅަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. އެ ގޮތުން ފާއިތުވި ދުވަސްތަކުގައި އެމެރިކާއާ ރަޙްމަތްތެރި ޤައުމުތަކުންވަނީ ދެކުނު ޗައިނާ ކަނޑަށް މަނަވަރުތައް ފޮނުވައިފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި އިންޑިޔާ ހިމެނެއެވެ.

ޖަރުމަންވިލާތުން ދެކުނު ޗައިނާ ކަނޑަށް ފޮނުވުމަށް ނިންމާފައިވާ މަނަވަރު އެންމެ ފުރަތަމަ ދަތުރުކުރާނީ ސިންގަޕޫރަށެވެ. އެ ޤައުމުން އެ ސަރަޙައްދަށް އެންމެ ފަހުން މަނަވަރެއް ފޮނުވާފައިވަނީ 2002ވަނަ އަހަރުގެ ތެރޭގައެވެ. ޖަރުމަންވިލާތުން ބުނެފައިވަނީ ދެކުނު ޗައިނާ ކަނޑަށް ފޮނުވި މަނަވަރުން އެ ސަރަޙައްދުން ދަތުރުކުރައި އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދީ އެ ސަރަޙައްދުގައި ޞުލްޙައާއި އަމަން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާނެކަމަށެވެ.

ދެކުނު ޗައިނާ ކަނޑަކީ ވިލާތުގެ ޤައުމުތަކުގެ %40 މުދާ ދަތުރުކުރައި ސަރަޙައްދެކެވެ. ދުނިޔޭގައި ކަނޑު މަގުން ކުރަމުންދާ ވިޔަފާރީގެ ތެރެއިން އަހަރަކު ތިން ޓުރިލިޔަން އެމެރިކާ ޑޮލަރުގެ މުދާ އެ ސަރަޙައްދުން ދަތުރުކުރެއެވެ.

ޗައިނާއިން ދަޢުވާކުރާ ގޮތުގައި ދެކުނު ޗައިނާ ކަނޑަކީ އެ ޤައުމުގެ މިލްކެކެވެ. އަދި ޗައިނާއިންވަނީ އެ ސަރަޙައްދުގައި ބިން ހިއްކައިގެން ރަށްތަކެއް ތަރައްޤީކޮށް އެ ރަށްރަށުގައި ހަނގުރާމަމަތީ ހަތިޔާރާއި އަސްކަރީ ސާމާނު ބަހައްޓައިފައެވެ. ނަމަވެސް ދެކުނު ޗައިނާ ކަނޑުގައި އޮންނަ ތައިވާނާއި އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ތައިލޭންޑާއި ކެންބޯޑިޔާއާއި ލާއޯސާއި މިޔަންމާއާއި ފިލިޕީންސްފަދަ ޤައުމުތަކުންވެސް އެ ސަރަޙައްދުގެ މިލްކުވެރިކަމަށް ދަޢުވާކުރެއެވެ.

ދެކުނު ޗައިނާ ކަނޑާއި ތައިވާން ވެފައިވަނީ ޗައިނާއާއި އެމެރިކާގެ ކުރިމަތިލުމުގެ އެންމެ މުޙިއްމު ސަރަޙައްދަށެވެ.