ޚަބަރު

މަޙްމޫދުގެ މަރު، ސާލިމަށް ގަސްތުގައި މީހަކު މެރިކަމުގެ ދަޢުވާ


އދ.ދަނގެތީގައި ރަޙުމްކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަޙްމޫދު އަބޫބަކުރު މަރާލިކަމަށް، ޢިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ، ޝާ އަލޮމް މިއާގެ މައްޗަށް ދަޢުވާ އުފުލާ އެ މައްސަލަ ކޯޓަށް ހުށައަޅައިފިއެވެ.

މަޙްމޫދުގެ މަރާއި ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 29 އަހަރުގެ ޝާ ޢާލޮމް މިއާގެ މައްޗަށް ދެ ދަޢުވާއެއް ވަނީ އުފުލާފައެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލަ ޕީޖީ އޮފީހުން ކޯޓަށް ހުށައެޅީ އިއްޔެއެވެ.

މިދިޔަ އޮކްޓޫމަރު މަހުގެ 14 ވަނަދުވަހު ޝާ ޢާލޮމް މިއާ، މަޙުމޫދަށް ހަމަލާދީ މަރާލާފައިވަނީ ފައިސާގެ ބޭނުމުގައިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މަޙުމޫދަށް ހަމަލާދިނުމުގެ ކުރިންވެސް ވައްކަމުގެ މައްސަލައެއްގައި މި ބަންގްލަދޭޝް މީހާގެ ބައިވެރިވުން އޮތްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މަޙުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކުން އޭނާ ފެނުނުއިރު، ތޫނު އެއްޗަކުން ހަމާލާދީ ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ. އަދި ޝާ ޢާލޮމް އުޅޭ ގޭގެތެތެރޭގައި މަޙުމޫދަށް ހަމާލާދިނުމަށްފަހު 5 ގަޑިއިރުވަންދެން އެގޭގެތެރޭގައި މަޙުމޫދުގެ ހަށިގަނޑު ބޭއްވިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ހުރިހާކަމެއް އޭނާކޮށްފައިވަނީ އިތުރު މީހެއްގެ ބައިވެރިވުން ނެތިކަމަންވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

އޮކްޓޫބަރު 14ވަނަ ދުވަހު މަހޫމޫދުގެ ހަށިގަނޑު ފެނުމާއެކު ފުލުހުން ކުރި ތަޙުޤީގު ތެރެއިން ޝާ އަލޮމް މިއާ ހައްޔަޔަރުކުރީ އޭގެ ދެދުވަސް ފަހުންނެވެ. އަދި އޭނާ ދިރިއުޅުނު ގެއިން މަޙުމޫދުގެ އަންނައުނާއި، ގަޑި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.