ކުޅިވަރު

ތައްޔާރުވާން ޖެހޭ ވަރަކަށް ތައްޔާރެއް ނުވެވުނު: އާފިއު


ވެލެންސިޔާއިން ސީޒަން އޯޕަނިން މެޗަކަށް ތައްޔާރުވާން ޖެހޭ ވަރަކަށް ތައްޔާރު ނުވެވުނުކަމަށް ކުލަބް ވެލެންސިޔާގެ އެސިސްޓެންޓް ކޯޗު އާފިއު ޢަބްދުލްޙަމީދު ބުނެފިއެވެ.

ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މާދަމާ ރޭ ކުޅޭ، ޗެރިޓީ ޝީލްޑް މެޗުގެ ޕްރީ މެޗު ޕްރެސްގައި ވެލެންސިއާގެ އެސިސްޓެންޓް ކޯޗު، އާފިއު މުޙައްމަދު ޙަމީދު، ބުނީ ޗެރިޓީ ޝީލްޑް މެޗާއި ޕްރެޒިޑެންޓް ކަޕުގައި ޓީމުގެ ޓްރޭނިންތަކާއި މެޗުތަކުގެ ތައްޔާރީތައް ކުރިއަށް ގެންދާނީ ކޯޗިން ޓީމުގެ ބެލުމުގެ ދަށުން ކަމަށެވެ. ކޯޗިން ޓީމުގައި ހިމެނެނީ އޭނާގެ އިތުރުން އިސްމާޢީލް އާސިފް (ކުޑަހީނާ) އާއި އިލްމާއު ހުސައިން (މައު) ކަމަށް އާފިއު ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި އަނިޔާ ވެގެން ކުޅުމާ ދުރަށް ދާން ޖެހުނު، ވެލެންސިއާ އަދި ގައުމީ ޓީމުގެ ކީޕަރު މުޙައްމަދު ފައިސަލްގެ އަނިޔާ ވަނީ ރަނގަޅުވެފައެވެ. އެހެންނަމަވެސް މާދަމާ ރޭގެ މެޗުގައި އޭނާ ކުޅޭނެކަމުގެ ޔަގީން ކަމެއް އަދި ނެތްކަމަށް އާފިއު ބުންޏެވެ.

އާފިއު، ބުނީ މިދިޔަ ސީޒަންގައި ޓީމުގެ ކޯޗަކަށް ހުރި އާތީ އިސްތިއުފާ ދިނީ އަމިއްލަ އަށް ބޭނުންވެގެން ކަމަށެވެ. މާދަމާ ރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށާއި ފުޓުބޯޅަ ސީޒަނަށް އެންމެ އެކަށީގެންވާ ގޮތަށް ތައްޔާރުވެވިފައި ނުވާ ކަމަށް އާފިއު ބުންޏެވެ.

"ސީޒަން އޯޕަނިން މެޗަކަށް ތައްޔާރުވާން ޖެހޭ ވަރަކަށް ތައްޔާރެއް ނުވެވުނު، ވަގުތު ނުލިބުނީމަ މެޗަށް ނުކުންނައިރު ދަތިތައް އެބަހުރި. އެހެންވީމަ އެއީ މައްސަލައެއް." މެޗުގެ ކުރިން ވާހަކަދައްކަމުން އާފިއު ބުނިއެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ކްލަބް ވެލެންސިއާގެ ޕްރެކްޓިހުގައި ވަނީ ބައިވެރިވާން ފަށާފައެވެ. ވެލެންސިއާ އިން ވަނީ ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ އަސްއަދު ޢަލީ (އަޑުބަރޭ) އާއި އިސްމާއިލް އީސާ (މެސީ) އަދި މާޒިޔާ އަށް ގިނަ އަހަރުތަކެއް ވަންދެން ކުުޅުނު ޑިފެންޑަރު އަމްދާން ޢަލީ (އެންޑީ)ގެ ސޮއި ހޯދައިފައެވެ. މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ޢަލީ ފާސިރު (ސެންޓޭ) މި ފަހަރު ވެސް ފެންނާނީ ވެލެންސިއާ އިންނެވެ.

ވެލެންސިއާ އިން މި ސީޒަނުގައި ފުރަތަމަ ކުޅޭނެ މެޗަކީ އަންނަ ބުދަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗެވެ. ސީޒަނުގެ ފުރަތަމަ މުބާރާތަކީ މި މަހު 19 ވަނަ ދުވަހު ފަށާ ޕްރެޒިޑެންޓްސް ކަޕެވެ. އެ މުބާރާތުގައި ވެލެންސިއާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެވެ.