ޚަބަރު

ދާންދޫ ދާއިރާގެ ތަރައްޤީއަށް މެމްބަރާއި ކައުންސިލް، އެއް އަމާޒަކަށް


ގއ.އަތޮޅުގައި ހިމެނޭ ތިން އިދާރީ ދާއިރާގެ ތެރެއިން ދާންދޫ ދާއިރާގައި ހިމެނެނީ ދާންދޫގެ އިތުރުން މާމެންދުއާއި ނިލަންދުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް ޢަބްދުﷲ ގިނަ ބަޔަކު ދަންނަނީ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު، ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އުފުއްލެވި އަޑުތަކުގެ ސަބަބުންނާއި ރާއްޖޭގައި ހިންގާ ކޮރަޕްޝަނާއި ނޭދެވޭ ކަންކަން ހުއްޓުވާނެކަމުގައި ވިދާޅުވެ އަޑުއުފުލަން ފެށި ހިސާބުންނެވެ.

ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އައު ކައުސިލަރުން މަޤާމާއި ހަވާލުވިއިރު، ގިނަ ރަށްރަށުގެ ކައުންސިލްތަކަށް ހޮވުނީ އެކި ޕާޓީތަކަށް ނިސްބަތްވާ ތަފާތު ފިކުރުތަކުގެ މީހުންނެވެ. މިއާއެކު ކައުންސިލްތަކުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެތޯ އެއީ އުފެދުނު ސުވާލެކެވެ. އެހެނީ މީގެ ކުރިން އޮތް ބައެއް ކައުންސިލްތަކުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ނުލިބި ބައެއް މަޝްރޫޢުތައް ހިންގަން އެއްބާރުލުން ނުލިބުމުން ރަށްރަށުގައި ހިންގަން ސަރުކާރުން ނިންމެވި މަޝްރޫޢުތައް ހުއްޓި ތަރައްޤީއަށް ހުރަސް އެޅިފައި އެބަހުއްޓެވެ.

މިފަހަރު އައު ކައުންސިލްތައް އިންތިޚާބުވިފަހުން މަދު ރަށްތަކުންނަމަވެސް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ އަޑުތަކެއްވަނީ ފެންމަތިވެފައެވެ. ނަމަވެސް ސަރުކާރާއި ދާއިރާގެ މެންބަރު އަދި ކައުންސިލް ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރާ ރަށްރަށް ގިނައެވެ. މީގެ ތެރެއިންވެސް ގއ.ދާންދުއަކީ ފާހަގަކޮށްލެވޭ ނަމޫނާ ރަށެކެވެ.

ދާންދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އަލަށް ފަށާފައިވާކަމަށާ، މިއީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނައިގެން މީގެކުރިން ނުހިންގޭހާ ގިނަ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވައި އެރަށު ކައުންސިލުން ވަނީ މިދިޔަ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

ދާންދޫ ކައުންސިލްގެ ރައީސަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ބޭފުޅެކެވެ. ނަމަވެސް ކައުންސިލްގެ ރައީސް ފެނިގެންދަނީ އެކައުންސިލްގެ އެހެން މެންބަރުންނާއި ދާއިރާގެ މެންބަރު ޔައުޤޫބް ޢަބްދުﷲއާ ގުޅިގެން ދާންދުއަށް ބޭނުންވެފައިވާ މަޝްރޫޢުތަކާއި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތައް އަވަސްކުރުމުގައި މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ދާންދޫ ދާއިރާގެ މެންބަރާއެކު ބައިވެރިވެވަޑައިގެން ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވި ބައްދަލުރެއްވުމުގައި ކައުންސިލަށް ވަރަށް އުންމީދީ އުފާވެރި ޚަބަރުތަކެއް ރައީސް ދެއްވިކަމަށެވެ.

އާސިފް ވިދާޅުވީ، ސިޔާސީ ފިކުރު ތަފާތުވިނަމަވެސް ރަށުގެ ކުރިއެރުމާއި ތަރައްޤީގެ ކަންކަމުގައި ސަރުކާރާއެކު މަސައްކަތްކުރަން އެއްވެސް އުނދަގުލެއް ނެތްކަމަށެވެ. އަދި ރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލާއި މެންބަރާއެކު ގިނަ މަޝްވަރާތަކެއް ކުރެވޭކަމަށާ ގުޅިގެން ކުރެވޭ މަސައްކަތްތައް ކާމިޔާބުކަމަށް އާސިފް ވިދާޅުވިއެވެ.

"ރައްޔިތުން އަޅުގަނޑު ހޮވާފައި ނުބުނޭ ސަރުކާރަށް ޖެއްސުންކުރަން. މެންބަރަށް ޖެއްސުންކުރަން. ރަށުގެ ތަރައްޤީއައްޓަކައި ގުޅިގެން މަސައްކަތްކުރަން އެދުނީ. އެހެންވެ އެގޮތަށް އަޅުގަނޑު މަސައްކަތް މިކުރަނީ. އަޅުގަނޑަށް އެއްވެސް އުނދަގުލެއްނޫން މިސަރުކާރާއެކު މަސައްކަތްކުރަން" ދާންދޫ ކައުންސިލްގެ ރައީސް އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ އެރަށުގައިވެސް ގިނަދުވަސްވެ ހައްލުނުވެހުރި މައްސަލަތައް އެބަހުރިކަމަށާ ގިނަ ކަންކަން ގުޅިފައިވަނީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމާކަމަށެވެ. އެހެންކަމުން އެކަން ހައްލުކުރުމައްޓަކައި އިތުރު 28 ހެކްޓަރު ހިއްކުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއާއެކު ބޯހިޔާވަހިކަމުގެ މައްސަލައާއި، އިންޖީނުގެ އެޅުމާއި ސުކޫލުގެ ޖާގައިގެ ދަތިމުގެ އިތުރުން ސިއްޙީ ދާއިރާގެ ކަންކަން އިތުރަށް ފުރިހަމަކުރުމަށް މަގުފަހުވެގެންދާނެކަމަށް ކައުންސިލުން ދެކެއެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް ޢަބްދުﷲ ވިދާޅުވީ ދާންދޫ ދާއިރާގެ ތިން ރަށަކީވެސް ސިޔާސީގޮތުން އެކި ފިކުރުގެ ބޭފުޅުން އިންތިޚާބުވެފައިވާ ރަށްތަކެއް ނަމަވެސް ރަށްރަށުގެ ތަރައްޤީގެ ކަންކަމުގައި ބޭނުންވާ އެއްބާރުލުން އެ 3 ރަށުންވެސް ލިބެމުންދާކަމަށެވެ.

"ކައުންސިލްތަކާވެސް ގުޅިގެން އަޅުގަނޑު މަސައްކަތް މިކުރަނީ ސަރުކާރުގެ ތެރެއިން ކުރެވެންހުރި ހުރިހާކަމެއް ދާއިރާގެ 3 ރަށަށް އެކަންކަން ކޮށްދެވޭތޯ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އަޅުގަނޑުގެ ދާއިރާގެ ތިން ރަށުންވެސް އެކިކަންކަމުގައި ކައުންސިލަށް ދަންނަވާ ކަންކަމުގައި އުޒުރު ނުދައްކާ އެއްބާރުލުންދޭތީ އަޅުގަނޑު އުފާކުރަން" މެންބަރު ޔައުޤޫބު ވިދާޅުވިއެވެ.

ޔަޢުޤޫބް ވިދާޅުވީ ދާންދޫ ދާއިރާއަށް ސަރުކާރުން ވެވަޑައިގެންނެވި ވަޢުދުތައް ސަރުކާރުގެ މިދައުރުގެ ތެރޭގައި ފުއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަަމަށާ، އެކަން ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވި ބައްދަލުވުމުން ކައުންސިލަށް ޔަގީންވެގެންދާނެކަމަށެވެ.

މީގެ ކުރިން އެއްވެސް ސަރުކާރަކުން ދާންދޫއަށްވެސް އަދި ދާންދޫ ދާއިރާއަށްވެސް ރަށްޔިތުން ބޭނުންވާ ވަރުގެ އާޅާލުމެއް ނުދެއްވާއިރު، މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ދާންދޫ ކައުންސިލާއި، ރައީސް އޮފީހުގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރުކަން ޔައުޤޫބު ފާހަގަކުރެއްވިއެވެ.

މިކަމުންވެސް ދާންދުއާމެދު އަދުގެ ސަރުކާރުން ދެކޭގޮތާއި ރަށްޔިތުން އުންމީދުކުރާ ކަންކަން ހާސިލުކުރަން މަސައްކަތް ކޮށްދެއްވާނެކަމުގެ އިތުބާރާއި ޔަޤީންކަން ލިބިގެންދިޔަކަން ކައުންސިލާއި އަދި ދާއިރާގެ މެންބަރުވެސްވަނީ ފާހަގަކުރައްވާފައެވެ.