ޗައިނާއިން ކުރިމަތިވަމުންދާ ނުރައްކާތެރިކަމާ ދެކޮޅަށް އެމެރިކާއިން ބޭނުންވަނީ ދިފާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކާ ގުޅުން ބަދަހިކުރުމަށްކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ވެރިކަމަށް ޖޯ ބައިޑަން ވަޑައިގެންނެވި ފަހުން ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ކުރައްވައި ފުރަތަމަ ދަތުރުފުޅުގައި އިންޑޮނޭޝިޔާއަށް ވަޑައިގެން ބުލިންކެންވަނީ އެ ސަރަޙައްދުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވައިފައެވެ. ބުލިންކެން ވިދާޅުވީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ޗައިނާއިން ކުރިމަތިވަމުންދާ ނުރައްކާތެރިކަމާއި ފިއްތުންތަކާ ދެކޮޅަށް ޙަރަކާތްތެރިވުމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން އެހީތެރިވާނެކަމަށެވެ. އަދި ދެކުނު އިރުމަތީ އޭޝިޔާއަކީ ހުރިހާ ޤައުމަކަށް ހުޅުވިފައިވާ ސަރަޙައްދަކަށް ހެދުމަށް އެމެރިކާއިން މަސައްކަތްކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދެކުނު ޗައިނާ ކަނޑަކީ ޗައިނާގެ މިލްކެއްކަމަށް އެ ޤައުމުން ދަޢުވާކުރެއެވެ. ނަމަވެސް ދެކުނު އިރުމަތީ އޭޝިޔާގައި އޮންނަ 10 ޤައުމުންވެސް އެ ސަރަޙައްދުގެ މިލްކުވެރިކަމަށް ދަޢުވާކުރެއެވެ. ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި އެ ޤައުމުގެ އަސްކަރީ ބައިވެރިންވަނީ އެ ސަރަޙައްދުގައި ޞުލްޙައާއި އަމަން ޔަޤީންކުރުމަށްކަމަށް ބުނެ އަސްކަރީ މަނަވަރުތައް ފޮނުވައިފައެވެ.