ޚަބަރު

ދެ ދުވަހުން 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


ފުލުހުން ކުރިއަށްގެންދާ ޑްރަގް އޮޕަރޭޝަނެއްގައި، 2 ދުވަސްތެރޭގައި ހެރޮއިންކަމަށް ޝައްކުކުރެވޭ 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން މިހާރު ކުރިއަށްގެންދާ ޑްރަގް އޮޕަރޭޝަނާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ހެރޯއިން ކަމަށް ޝައްކުކުރެވޭ އިތުރު 91 ޕެކެޓާއެކު 48 ގަޑިއިރުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 119 ކިލޯއަށް އިތުރުވެފައިވާކަމަށެވެ. ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި އާދީއްތަ ދުވަހުގެރޭގައިވެސް ވަނީ 28 ޕެކެޓް އަތުކައިގެންފައެވެ.

ސީޕީ ވިދާޅުވީ، މިހާރު ފުލުހުން ފަށައިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި އަތުލައިގެންފައިވާ 119 ޕެކްޓްގެ މަސްތުވާތަކެތީގެ އަނދާޒާކުރެވޭ ބަރުދަނަކީވެސް 199 ކިލޯކަމަށާއި، މިތަކެތި އަތުލައިގަނެވުނީ ފުލުހުންކުރި ވަރަށް ރަނގަޅު ޕޮލިސިންގ ގެ މަސައްކަތްތަކަށްފަހުކަމަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާއިރު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ދަނީ ބޮޑެތި އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މިއަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައިވަނީ ފަޅުރަށެއްގައި ފޮރުވާފައިހުރި 100 އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގެންފައެވެ. އަދި މިދިޔަ އަހަރުވަނީ ހުޅުމާލޭ ފަޅުތަރޭގައި އޮތް ދޯންޏަކުންވެސް، 100 އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.