ކުޅިވަރު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން އަލުން ބޭއްވުމަކީ އޮޅުވާލުމެއް: ރެއާލްމެޑްރިޑް


ޓެކްނިކަލް މައްސަލައެއް ދިމާވެގެން އޮޅުންތަކެއް އެރި ކަމަށް ބުނެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން އަލުން ބޭއްވުމަކީ އޮޅުވާލުމެއް ކަމަށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން ބުނެފިއެވެ.

ގުރުއަތުލުން އަލުން ބޭއްވިއިރު، ޗެލްސީ އާއި ލޮސްކް ލިލް ކުޅޭ މެޗު ފިޔަވައި ދެން އޮތް ހަތް މެޗު ވެސް ވަނީ ބަދަލުވެފައެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ހަވާލާދީ މެޑްރިޑްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެ ކްލަބްގެ ލީޑަޝިޕްގެ އޮތީ މުޅި ގުރުއަތުލުން އަލުން ބޭއްވުމާ ދެކޮޅު ވިސްނުމެކެވެ. ފުރަތަމަ ނެގި ގުރުއަތުލުމުގައި ރެއާލް ކުޅެން ޖެހުނީ ބެންފީކާއާއެވެ. އެކަމަކު، އަލުން ގުރުއަތުލުމުން ރެއާލް ކުޅެން ޖެހުނީ ޕީއެސްޖީއާއެވެ.

މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑުން އިސްނަގައިގެން އަލުން ގުރުއަތުލުން ބާއްވަން ގިނަ ޓީމުތަކުން ޕްރެޝަރު ކުރުމުން ޔުއެފާއިން ނިންމީ އަލުން ގުރުއަތުލުން ކުރިއަށް ގެންދާށެވެ. ފާހަގަކުރެވުނު މައްސަލަތަކަށް ބަލާއިރު، ފުރަތަމަ ޔުނައިޓެޑާއި ވިޔަރެއާލް ކުޅެން ޖެހޭގޮތަށް ގުރުއަތުން ދިމާވިއިރު، މި ދެ ޓީމަކީ އެއް ގްރޫޕެއްގައި ހިމެނޭ ދެ ޓީމު ކަމަށްވާއިރު، ގަވާއިދުގައި އޮންނަ ގޮތުން ނޮކްއައުޓް ފުރަތަމަ ބުރުގައި އެ ދެ ޓީމު ކުޅެން ނުޖެހޭނެއެވެ. ދެން ފާހަގަކުރެވުނު މައްސަލައަކީ ލިވަޕޫލާއި އެތުލެޓިކޯއާ ކުޅެން ޖެހޭ ގުރުއަތުލުން ގެންދިއުމެވެ.

އެތުލެޓިކޯ އާއި ލިވަޕޫލް އެއް ގްރޫޕެއްގައި ކުޅެފައިވާއިރު، މި ދެ ޓީމު ދެ ވަނަ ބުރުގައި ބައްދަލުނުކުރެވޭނެއެވެ. ދެން ފާހަގަވި މައްސަލައަކީ އެތުލެޓިކޯގެ ގުރުއަތުލުމުގައި ޔުނައިޓެޑް ހިމަނާފައިނުވުމެވެ. ރެއާލުގެ މީޑިޔާއާ ހަވާލާދީ ރެއާލްގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނީ ގިނަ ކްލަބްތަކުން އެދުނީ މައްސަލަ ޖެހުނު ހިސާބުން ފެށިގެން ގުރުއަތުލުން ބާއްވަން ކަމަށެެވެ. އެކަމަކު، ޓެކްނިކަލް މައްސަލައެއް ކަމަށް ބުނެ، ފުރަތަމަ ލީ ގުރުއަތުލުން އެއްކޮށް އުވާލައި، އަލުން ގުރުއަތުލުން ކުރިއަށް ގެންދިއުމަކީ ޔުއެފާ އިން އޮޅުވާލުމެއްގެ ތެރެއިން ކުރި ކަމެއް ކަމަށް ރެއާލުން ތުހުމަތުކުރެއެވެ.

ޕީއެސްޖީ އާއި ރެއާލް ކުޅޭ މެޗު ހާއްސަވާނެ ދެ ކުޅުންތެރިއަކީ ކުރިން ބާސެލޯނާގައި ހުރެ ރެއާލް ކޮޅަށް ގިނަ ގޯލު ޖެހި ލިއޮނަލް މެސީ އާއި އަންނަ ސީޒަނުގައި ރެއާލަށް ބަދަލުވާނެ ކަމަށް އަޑުފެތުރިފައިވާ ކީލިއަން އެމްބާޕޭއެވެ.