ކުޅިވަރު

ކޮންފަރެންސް ލީގުގައި ލެސްޓާ ޑެންމާކުގެ ރޭންޖާސްއާ ދެކޮޅަށް


ޗެމްޕިއަންސްލީގުގެ ގުރޫޕުގެ ތިންވަނައާއެކު، ޔޫރޮޕާ ކޮންފަރެންސް ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފުގައި ވާދަ ކުރަން ޖެހުނު ލެސްޓާ ސިޓީ ޑެންމާކުގެ ރޭންޖާސްއާ ދެކޮޅަށް ނުކުންނަންޖެހިއްޖެއެވެ.

ކޮންފަރެންސް ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ފާހަގަ ކޮށްލެވޭ އިތުރު މެޗްތަކަށް ބަލައިލާއިރު، ފްރާންސްގެ މާސޭ ވާދަކުރާނީ އަޒަރުބައިޖާންގެ ގަރަބާގެވެ. އަދި ސްކޮޓްލެންޑުގެ ސެލްޓިކުން ނުކުންނާނީ ނޯވޭގެ ބޯޑޯ/ގްލިމްޓާ ދެކޮޅަށެވެ. ކޮވިޑް ގެ ސަބަބުން ޓޮޓެންހަމް އާއި ރެނެސް ވާދަކުރަން އޮތް ގުރޫޕް ސްޓޭޖުގެ ފަހު މެޗު ފަސް ކުރުމަށް ފަހު ދެން މެޗު ކުޅޭނެ ތާރީހެއް ކަނޑައަޅާފައި ނުވާއިރު، ޓޮޓެންހަމަށް މި ވަގުތު އޮތީ ގުރޫޕުގެ ތިންވަނައިގައެވެ.

އެއްވަނައިގައި އޮތް ރެނެސް އަތުން މޮޅު ވެއްޖެ ނަމަ ޓޮޓެންހަމަށް ގުރޫޕުގެ ދެވަނަ ލިބޭނެއެވެ. ދެވަނަ އާއެކު ޕްލޭއޮފްގައި ވާދަ ކުރަން ޖެހޭނީ އޮސްޓްރިއާގެ ރެޕިޑް ވިއެނާ އާ ދެކޮޅަށެވެ.

ރެނެސް އާ ދެކޮޅަށް ޓޮޓެންހަމަށް މޮޅެއް ނުހޯދިއްޖެ ނަމަ ރެޕިޑް ވިއެނާ އާ ދެކޮޅަށް ކުޅޭނީ މިހާރު ގުރޫޕުގެ ދެވަނައިގައި އޮތް ނެދަލެންޑްސްގެ ވިޓޭސޭއެވެ.