ކުޅިވަރު

ޔޫރޮޕާ ލީގުގައި ބާސާ އާއި ނަޕޯލީގެ ކުރިމަތިލުމެއް


މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ކަޓައި، ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފް ކުޅެން ޖެހިފައިވާ ސްޕެއިންގެ ބާސެލޯނާ، އިޓަލީގެ ނަޕޯލީއާ ވާދަކުރަން ޖެހިއްޖެއެވެ.

މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ މިދިޔަ އަހަރު ފެބްރުއަރީ މަހު، ޗެމްޕިއަންސް ލީގު ގަދަ 16 ގައެވެ. އިޓަލީގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް 1-1 އިން އެއްވަރު ވިއިރު، އޭގެ ފަސް މަސް ފަހުން ސްޕެއިންގައި ކުޅުނު ދެވަނަ ލެގު ބާސެލޯނާ ކާމިޔާބުކުރީ 3-1 އިންނެވެ. ނަޕޯލީ އަކީ އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާ ޔޫރަޕްގައި ކުޅުނު ދެވަނަ ކްލަބެވެ. އޭނާ ބާސެލޯނާ އިން އިޓަލީގެ ނަޕޯލީ އަށް ބަދަލުވީ 1985 ގައި އޭރުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 6.9 މިލިއަން ޕައުންޑަށެވެ.

މަރަޑޯނާ ވަނީ ނަޕޯލީއާއެކު 1989 ވަނަ އަހަރު ޔޫރޮޕާ ލީގު (އޭރުގެ ޔޫއެފާ ކަޕް) ކާމިޔާބު ކޮށްފައެވެ. ޕްލޭއޮފް ބުރުގެ ދެން ހުރި މެޗްތަކަށް ބަލައިލާ އިރު ޖަރުމަންގެ އާރުބީ ލައިޕްޒިގާއި ސްޕެއިންގެ ރެއާލް ސޮސިއެޑާޑް ވާދަކުރާއިރު މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ގަދަ 16 އިން ޖާގަ ހޯދި އިޓަލީގެ އެޓަލާންޓާ ވާދަ ކުރާނީ ސްރީސްގެ އޮލިމްޕިއާކޯސްއާއެވެ.

ސްޕެއިންގެ ރެއާލް ބެޓިސް މި ބުރުގައި ރަޝިއާގެ ޒެނިތާ ވާދަ ކުރާއިރު، ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް ވާދަ ކުރާނީ ސްކޮޓްލެންޑުގެ ރޭންޖާސްއާއެވެ. މޯލްޑޯވާގެ ޝެރިފް ޓިރާސްޕޯލް މި ބުރުގައި އޭއެސް ޕްރާގާއާ ދެކޮޅަށް ނުކުންނައިރު، ޗެމްޕިއަންސް ލީގުގެ މަރުގެ ގުރޫޕުގެ ތިންވަނަ ހޯދި ޕޯޗުގަލްގެ ޕޯޓޯ ވާދަ ކުރާނީ އިޓަލީގެ ލާޒިއޯއާއެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ސްޕެއިންގެ ސެވިއްޔާ މި ބުރުގައި ނުކުންނާނީ ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބާ ދެކޮޅަށެވެ.