ޚަބަރު

ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި


ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

އައު ސަފީރުންގެ ގޮތުގައި ފަތްކޮޅުއެރުވީ ކޮލަމްބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރާއި، ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރާއި، މޯލްޓާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކުގައި، ފަތްކޮޅު އެރުވުމަށްފަހު، އައު ސަފީރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އައު ސަފީރުން ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންވަނީ މަރުޙަބާ ވިދާޅުވެފައެވެ.

އެގޮތުން މޯލްޓާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރޫބަން ގައުޗީގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް މޯލްޓާއާ ދެޤައުމުގެ އެއްގޮތް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މިގޮތުން ޖޯގުރަފީ ގޮތުން ދެޤައުމުގައި ހުރި އެއްގޮތްކަމުގެ ވާހަކަފުޅުން ފެށިގެން މަލްޓިލެޓަލަރިޒަމް ވިސްނުންތަކާ ހަމަޔަށް ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި މޯލްޓާގެ އައު ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައި، ދެ ޤައުމަށް ފައިދާވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާ ގުޅޭގޮތުންނާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުންނާއި، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ކޯވިޑް ޕެންޑަމިކް މެނޭޖްކުރުމާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭ ފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ މޯލްޓާގެ ގުޅުން ބަދަހިކުރެއްވުމަށް، ރާއްޖެއާ ގާތުން މަސައްކަތްކުރެއްވުމަށް ޝައުޤުވެރިކަން އޮތްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ރާއްޖެއާ ޔޫރަޕިއަން ޔޫނިއަންއާ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީއާ ގުޅޭގޮތުންނާއި، ވިސާގެ ކަންކަން ފަހިކުރުމާ ގުޅޭގޮތުންނާއި، ކައުންންޓަރ ޓެރަރިޒަމްގެ ދާއިރާއިން އިތުރަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި މޯލްޓާގެ ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރާއްޖެއާއި މޯލްޓާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 5 މާރިޗު 1985ގައެވެ.

ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޕޮޖް ހާންޕޮލްއާ ރައީސްގެ ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ތައިލެންޑާއެކު ރާއްޖެއިން ބާއްވަމުން އަންނަ ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ދެޤައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން އިންވެސްޓްމަންޓް ޕްރޮސްޕެކްޓްސް، ޓްރޭޑް އެންޑް ކޮމާރސް، ރައްޔިތުންގެ ގުޅުން އިތުރުކުރުން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން ފާހަގަކުރެއްވެވިއެވެ. އަދި މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތައިލެންޑް ސަފީރު ވަނީ އެޤައުމުގެގެ ރަސްގެފާނުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދެޤައުމަށް ވެސް ފައިދާހުރި ދާއިރާތަކުން އެކުގައި މަސައްކަތްކޮށް އެއްބާރުލުން ދިނުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ތައިލެންޑު ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ވިސާގެ ލުއިފަސޭހަކަމުގެ ޚިދުމަތާއި، ދިވެހި ދަތުރުވެރިންނަށް އޮންނަ ކޮވިޑް-19 ކަރަންޓީން ކުރުމުގެ މެންޑޭޓްގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ތައިލެންޑާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 21 ޖޫން 1979 ގައެވެ.

ކޮލަމްބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މަރިއާނާ ޕަޗޭކޯ މޮންތޭސް،އާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް މަސައްކަތަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް އެކި ދާއިރާތަކުން އިންވެސްޓްކުރުމަށް މަރުޙަބާ ކިޔާނެކަމަށާ، އެގޮތުން މަތީ ތައުލީމުގެ ދާއިރާ އާއި މެނުފެކްޗަރިންގ ދާއިރާފަދަ ދާއިރާތައް އެމަނިކުފާނު މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކޯވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ބެހޭގޮތުންނާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކޮލަމްބިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް ގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ގްލާސްގޯއަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ތިމާވެށި ޙިމާޔަތް ކުރުމުގެ ރޮނގުން ދެޤައުމުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އޮތްކަން އެކަމަނާ ފާހަގަކުރެއްވެވިއެވެ. އަދި އެކަމަނާ ވަނީ ކޮލަމްބިއާ އަކީ އެމޭޒަން ރެއިންފޮރެސްޓްގެ ބޮޑު ބައެއް ޙިއްޞާކުރާ ޤައުމެއް ކަމަށާއި، ތިމާވެށި ޙިމާޔަތް ކުރުމަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް މުހިންމު ކަމެއް ނޫން ކަމަށާއި، ޤައުމެއްގެ ގޮތުގައި ކޮލަމްބިއާ ދެމިއޮތުމަށްޓަކައި ތިމާވެށި ޙިމާޔަތްކުރުން އެޤައުމަށް މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެށި ޙިމާޔަތް ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަކީ ވެސް ރާއްޖެއަށް ވަރަށް މުހިންމު މައްސަލަތަކެއްކަން ފާހަގަކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ކުދި ބަދަލުތަކުގެ ސަބަބުން، އިޢާދަކުރަނިވި ހަކަތަ އިޚްތިޔާރު ކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރުގެ ބައްދަލުވުން ނިންމަވާލެއްވީ ދެ ޤައުމުގެ ގުޅުން ރަނގަޅުވުމުގެ އުއްމީދުގައެވެ.