ޚަބަރު

ޖެންޑަރ މިނިސްޓަރުގެ ފިރިކަލުން، އަވަހާރަވެއްޖެ


މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީގެ ފިރިކަލުން އިބްރާހީމް ޒާހިރު އަވަހާރަވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫއަށް އުފަން އިބްރާހީމް ޒާހިރު އަވަހާރަވީ އިންޑިއާގެ ކޮޗިން ސިޓީގެ ރާޖަގިރީ ހޮސްޕިޓަލުގައި ފަރުވާހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުގެ ފަހުގެ ވަގުތެއްގައެވެ. އިބްރާހީމް ޒާހިރުގެ ޢާއިލާއިން ވިދާޅުވީ އޭނާ އަވަހާރަވީ މީގެ އަހަރެއްހާ ދުވަސްކުރިން ޖެހިވަޑައިގެން އާލާސްކަންފުޅަކަށް ފަރުވާހޯއްދަވަމުން ގެންދަވަނިކޮށްކަމަށެވެ.

ޔަންމާ ޒާހިރުގެ ނަމުން މަޝްހޫރު، މަރުޙޫމް އިބްރާހީމް ޒާހިރުއަކީ 1970ގެ އަހަރުތަކުގައި މަސްދޯނިފަހަރުގައި އިންޖީނުއެޅުން(ޔަންމާ އިންޖީނުއެޅުން) ތައާރަފުވުމާއި، ޔަންމާ ސެންޓަރުތައް ރާއްޖޭގައި ގާއިމުވުމުގެ ތެރެއިން، ކަމާބެހޭގޮތުން ދިވެހީން ތަމްރީނު ކުރެއްވުމަށް އެއިރު ސަރުކާރުން، ޖަޕާނުގެ ސަރުކާރާއި ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން، ޔަންމާ އިންޖީނާބެހޭ ތަމުރީނު ހެއްދެވުމަށް ޖަޕާނަށް ފުރަތަމަ ފޮނުއްވި ޒުވާން ތައުލީމީ ހުނަރުވެރިންގެ ތެރޭގައި ހިމެނުނު ބޭފުޅެކެވެ.

އަދި އެކަމުގެ ތެރެއިން ޔަންމާ އިންޖީނުގެ އިންޖިނޭރެއްގެ ގޮތުގައި މުޅިރާއްޖެއަށް އޭނާވަނީ މަޝްހޫރުވެފައެވެ. އިންޖީނިއަރިންގ ދާއިރާއިން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އިބްރާހީމް ޒާހިރަކީ ރާއްޖޭގެ އެންމެބޮޑު އެއް ވިޔަފާރި ކުންފުނިކަމުގައިވާ ވިލާ ކުންފުނީގައި 40 އަހަރު ޚިދުމަތްކުރައްވައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އުމުރުފުޅުން 66 އަހަރުގައި އިބްރާހީމް ޒާހިރު އަވަހާރަވިއިރު، 4 ފިރިހެން ބޭފުޅުންނާއި 2 އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.