ޚަބަރު

ދެކުނު އެފްރިކާގެ ރައީސަށް ކޯވިޑް-19 ޖެހިއްޖެ


ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަޕޯސަށް ކޯވިޑް-19 ޖެހިއްޖެއެވެ.

ދެކުނު އެފްރިކާގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19ގެ ބޮޑެތި ޢަލާމާތްތަކެއް ރަމަޕޯސާގެ ހަށިކޮޅުން ނުފެންނަކަމަށެވެ. އަދި ޢުމުރުފުޅުން 69 އަހަރުގެ ރަމަޕޯސާގެ ޙާލުކޮޅު ގޯސްވީ ޖަނާޒާއެއްގައި ބައިވެރިވެވަޑައިގެންނެވި ފަހުންކަމަށާއި އެ ޖަނާޒާގައި ރަމަޕޯސާ ބައިވެރިވެވަޑައިގެންނެވީ މާސްކު ތުރުކުރައްވައިގެންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ރަމަޕޯސާވަނީ ކޯވިޑް-19ގެ ވެކްސިންގެ ޑޯސްތައް ފުރިހަމަކުރައްވާފައިވާކަމަށާއި އޭނާ މިހާރު ހުންނެވީ އެކަހެރިވެވަޑައިގެންކަމަށްވެސް ދެކުނު އެފްރިކާގެ ރިޔާސީ ގަނޑުވަރުން ބުނެފައެވެ. ކޯވިޑް-19ން ރަމަޕޯސާ ފަސޭހަފުޅު ވަޑައިގަންނަވަންދެން ރިޔާސީ މަސްޢޫލިއްޔަތުތައް ފުރުއްވަނީ ނައިބު ރައީސް ޑޭވިޑު މަބޫޒާއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯންވަނީ ދެކުނު އެފްރިކާގައި ވަރަށް ބޮޑަށް ފެރުރެން ފަށައިފައެވެ. ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޯނުގެ ސަބަބުން ދުވާލެއްގެ މައްޗަށް އެ ޤައުމުގައި 20،000 މީހުންނަށް ބަލިޖެހެއެވެ.