ޚަބަރު

ޔަހޫދީންގެ ބޮޑުވަޒީރު ޔޫއޭއީއަށް


އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް ވަޑައިގެންފިއެވެ. އެއީ އިސްރާއީލާއި ޔޫއޭއީން ގުޅުން ޤާއިމުކުރި ފަހުން އިސްރާއީލުގެ ބޮޑުވަޒީރެއް ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އީރާނުގެ ނިޔުކްލިޔަރ މައްސަލައަށް ޙައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ ނުތަނަވަސް ދަނޑިވަޅެއްގައި ބެނެޓު ޔޫއޭއީއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާނެއެވެ. އޭގެ ތެރޭގައި އަބޫ ދާބީގެ ވަލީއަހުދު މުޙައްމަދު ބިން ޒައީދު ބިން ސުލްޠާން އާލް ނަހްޔާން ހިމެނިވަޑައިގަންނަވައެވެ.

އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢު ހުއްޓާލުމަށް އެ ޤައުމުން 2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުމަށް އިސްރާއީލުން ދެކޮޅުހަދައެވެ. އަދި 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެފައެވެ. އަދި އެއާއެކު އީރާނުންވަނީ ނިޔުކްލިޔަރ މަޝްރޫޢު އަލުން ފަށައި ޔުރޭނިޔަމު ފައްކާކުރުމުގެ މަސައްކަތް ފަށައިފައެވެ.

އެމެރިކާއިން މުޙިއްމު ދަޢުރެއް ޢަދާކޮށްގެން 2020ވަނަ އަހަރުގެ ތެރޭގައި ޢަރަބި ޤައުމުތައްކަމަށްވާ ޔޫއޭއީއާއި ބަޙްރައިންނާއި ސުދާނާއި މަޣްރިބުންވަނީ ޔަހޫދީންނާ ގުޅުން ޤާއިމުކޮށްފައެވެ. އަދި ގަލްފާއި މެދުއިރުމަތީގައި އޮތް އީރާނުގެ ނުފޫޒާ ދެކޮޅަށް ޔަހޫދީންވަނީ ހަކަތައާއި ޞިއްޙަތާއި އިޤްތިޞާދާއި އަސްކަރީ ދާއިރާއިން ޢަރަބިންނާއެކު ތަފާތު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ޔަހޫދީންނާއެކު ޢަރަބިން ޤާއިމުކުރަމުންދާ ގުޅުންތަކާ ދެކޮޅަށް ފަލަސްޠީނުންވަނީ ދެކޮޅުހަދައިފައެވެ. 2014ވަނަ އަހަރުން ފެށިގެން ފަލަސްޠީނުންވަނީ އިސްރާއީލާ ޚާރިޖީ ގުޅުން ކަނޑާލައިފައެވެ.