ޚަބަރު

ޗައިނާއާ ދެކޮޅަށް ގުޅުން ބަދަހިކުރައްވަން ބުލިންކެން އިންޑޮނޭޝިޔާއަށް


ޗައިނާއިން ކުރިމަތިވަމުންދާ ނުރައްކާތެރިކަމާ ދެކޮޅަށް ގުޅުން ބަދަހިކުރަން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން އިންޑޮނޭޝިޔާއަށް ވަޑައިގެންފިއެވެ.

އެމެރިކާގެ ވެރިކަމަށް ޖޯ ބައިޑަން ވަޑައިގެންނެވި ފަހުން ބުލިންކެން ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ކުރައްވައި ފުރަތަމަ ދަތުރުފުޅުގައި އިންޑޮނޭޝިޔާގެ އިތުރުން މެލޭޝިޔާއާއި ތައިލޭންޑަށް ވަޑައިގަންނަވާނެއެވެ. އެ ގޮތުން އިންޑޮނޭޝިޔާގައި އެ ޤައުމުގެ ރައީސް ޖޮކޮ ވިޑޯޑޯއާ ބައްދަލުކުރައްވައި ސަރަޙައްދީ ސަލާމަތަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ބުލިންކެން ތަޤްރީރުކުރައްވާނެއެވެ.

ދެކުނު އިރުމަތީ އޭޝިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުކަމަށްވާ އެމެރިކާއާއި ޗައިނާގެ ވާދަވެރިކަން އެންމެ ބޮޑުވެފައިވާ ސަރަޙައްދެވެ. އެ ގޮތުން ދެކުނު އިރުމަތީ އޭޝިޔާގައި ފުޅައިވަމުންދާ ޗައިނާގެ ނުފޫޒާ ދެކޮޅަށް އެމެރިކާއިން ތެދުވެ އެ ސަރަޙައްދުގެ ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް ބައިޑަންވަނީ ޚާއްޞަ އިސްކަމެއް ދެއްވައިފައެވެ. އެ ސިޔާސަތުގެ ދަށުން ދެކުނު އިރުމަތީ އޭޝިޔާގެ 10 ޤައުމުގެ މައްޗަށް އެކުލެވޭ އާސިޔާނާއެކު އެމެރިކާއިން ކުރަމުންދާ މުޢާމަލާތްތައް އިތުރުކުރެއްވުމުގެ މަސައްކަތް ބުލިންކެންވަނީ ފައްޓަވައިފައެވެ.

ދެކުނު ޗައިނާ ކަނޑުގައި ވިއެތުނާމާއި ފިލިޕީންސާއި މެލޭޝިޔާއާއި އިންޑޮނޭޝިޔާއިން ކުރަމުންދާ ސިނާޢީ މަސައްކަތްތަކަށާއި މަސްވެރިކަމަށް ހުރަސް އެޅުމަށް ޙަރަކާތްތެރިވާ ޗައިނާގެ އަސްކަރީ އުޅަނދުތަކާ ގުޅިގެން ކުރިމަތިލުމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުންވަނީ ވަރަށް ބޮޑަށް ބާރުއަޅައިފައެވެ.